ޓްރާންސްޕޯޓް އޮތޯރިޓީން އަމަލުކުރަން ފަށާ އާ ގަވާއިދުތަކާ ހިތްހަމަ ނުޖެހިގެން ގިނަ ޓެކްސީ ޑްރައިވަރުންތަކެއް މިއަދު ހެނދުނުން ފެށިގެން މުޒާހަރާ ކުރަން ފަށައިފި އެވެ.

ގިނަ ޓެކްސީ ޑްރައިވަރުން މިއަދު ހެނދުނު 9:00 ޖެހީއިރު ރާޅުގަނޑު ސަރަހައްދުން ފެށި މުޒާހަރާ އަދިވެސް ކުރިއަށް ދާއިރު ގިނަ ސެންޓަރުންތަކުގެ މަސައްކަތް ވަނީ ގާތްގަނޑަކަށްހެން ހުއްޓިފަ އެވެ. އެއާ އެކު ދުވާލުގެ އެންމެ ޕީކްގަޑީގައި ޓެކްސީއެއް ހޯދުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.

ގިނަ ޓެކްސީތަކެއް ރާޅުގަނޑު ސަރަހައްދުގައި ޕާކްކޮށްފައިވާއިރު ޓްކްސީ ޑްރައިވަރުން އެެ ސަރަހައްދު ފެށި މުޒާހަރާ މިހާރު ކުރިއަށް ދަނީ ވެލާނާގެ ސަރަހައްދުގަ އެވެ. އެ މައްސަލައިގައި ޓެކްސީ ޑްރައިވަރުންގެ ޑިމާންޑަކީ ޕާކް ކުރާނެ ތަންތަން ނެތް އިރު އެކަމަށް ހައްލެއް ނުހޯދައި ސްޓިކާޖަހާ މައްސަލަ އެވެ.

އެ މައްސަލައިގައި އެ އޮތޯރިޓީގެ އިސްވެރިން މިހާރު އަންނަނީ ޓެކްސީ ޑްރައިވަރުންނާއި މަޝްވަރާކުރަމުންނެވެ. އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ ޓެކްސީ ޑްރައިވަރުންނަށް ލުއިގޮތްތަކެއް ހޯދައި ދިނުމަށް ކޮންމެވެސް ވަރެއްގެ އެއްބަސްވުންތަކަކަށް އާދެވިފައިވާ ކަމަށެވެ. ނަމަވެސް އަދި އެ އެއްބަސްވުންތައް ސާފެއްނުވެ އެވެ.

ޓެކްސީ ޑްރައިވަރުން ހަޅުތާލު ކުރަން ފެށީއިރު ޓްރާންސްޕޯޓް އޮތޯރިޓީން ނިންމާފައިވަނީ ސްޓިކާ ޖަހަން ފަށާ ތާރީހު އަންނަ ޑިސެމްބަރު އެކަކަށް ފަސްކުރުމަށެވެ.