ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފެދިފައިވާ މައްސަލަ މިހާތަނަށް ނުބެލި އޮތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަނާޅައި އޮތުމުން ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ޑްރަގް ކޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަ އެވެ.

ނޫސްވެރިން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ފާއިޒު ވިދާޅުވީ ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދައި ގާނޫނީ ވަކީލު އިސްމާއިލް ވިޝާމް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ މައްސަލައަކީ އެ ކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ ޖޭއެސްސީ އިން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވުމުން އެ މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން ސިވިލް ކޯޓަށް އެންގި ކަމަށެވެ.

ހުޅުމާލޭ ކޯޓުގެ މައްސަލަ ބެލުމުގެ އިހުތިސޯސް ސިވިލް ކޯޓަށް ލިބިގެން ނުވާކަމަށް ބުނެ ޖޭއެސްސީން ފޮނުވި ސިޓީގައި އެ މައްސަލަ ބަލައި ދިނުމަށް އެދިފައިވާތީ ކޯޓަށް މައްސަލަ ހުށަހަޅަން ޖެހޭ އުސޫލުން އެ މައްސަލަ ހުށަހެޅުމަށް އެ ކޮމިޝަނަށް އަންގާފައިވާނެ ކަމަށް ވެސް ފާއިޒް ވިދާޅުވި އެވެ. ނަމަވެސް ޖޭއެސްސީން އެ މައްސަލަ ހުށަހެޅުއްވީ "ދާދީ އިހަކަށް ދުވަހު" ކަމަށާއި އެ މައްސަލައަކީ އަވަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް ވެސް ފާއިޒު ވިދާޅުވި އެވެ.

"ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްޚަ ކަމާ މެދު ސުވާލު އުފައްދައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެއީ ސިވިލް ކޯޓުގެ ޖޫރިސްޓިކްޝަން އޮއް މައްސަލައެއް ނޫން ކަމަށް ވިދާޅުވެ ޖޭއެސްސީން ސިޓީއަކުން ހުށަހެޅުއްވީމާ އެ ހިނދު ޖޭއެސްސީ އަށް އަޅުގަނޑުމެން ދެންނެވިން މައްސަލަ ހުށަހަޅަން އޮންނަ އުސޫލާއި އެއްގޮތަށް ހުށަހެޅުމަށް. އޭރު ޑިއު ޕްރޮސީޖާއާ އެއްގޮތަށް މައްސަލަ ހުށަހަޅަން އަޅުގަނޑުމެން ދެންނެވީމާ ދާދި އިހަކަށް ދުވަހު އެ ހުށަހެޅުއްވީ،" ފާއިޒު ވިދާޅުވި އެވެ.

ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްޚަކަމާ މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ ހުޅުމާލޭ ކޯޓުގެ ޝަރީއަތްތައް މިހާރު ވަނީ ވަގުތީގޮތުން ހުއްޓާލާފަ އެވެ.