12 Nov 2012, 11:27
މާލިއްޔަތު ކޮމެޓީ އަށް ބޭނުންވެގެން ހޯދަން އެދުނު ގިނަ މައުލޫމާތުތަކެއް ފިނޭންސް މިނިސްޓްރީން އެ ކޮމެޓީ އަށް ފޯރުކޮށްދީފައި ނުވާތީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ކޮމެޓީ އަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވަން އެ ކޮމެޓީން ނިންމައިފި އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން މާލިއްޔަތު ކޮމެޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ އެ ކޮމެޓީން ފޮނުވި ގިނަ ސިޓީތަކަކަށް ފިނޭންސުން ޖަވާބު ނުދެއްވައި ހުރި ކަމަށް ވިދާޅުވެ އެ މައްސަލަ ކޮމެޓީގެ ސަމާލު ކަމަށް ގެންނަވައިފަ އެވެ. ޖަވާބު ނުލިބޭ ގިނަ ސިޓީތަކުގެ ތެރޭގައި އާންމު ފަރާތްތަކުގެ ބިލްތަކަށް ސަރުކާރުން ފައިސާ ނުދައްކައިގެން އެކަން ސާފުކުރުމަށް ފޮނުވި ސިޓީ އާއި ޓީވީއެމްގެ ކަރަންޓް ބިލްތަކުގެ މައްސަލައިގައި ފޮނުވި ސިޓީގެ މައްސަލަ ފާހަގަ ކުރެއްވި އެވެ.
"މިހާރު ޕާމެނެންޓް ސެކްރެޓަރީ ފޯނެއް ވެސް ނުނަންގަވައި. އަޅުގަނޑުމެން ނެތި އެ މައުލޫމާތުތައް ހޯދުމަށް ކޮންމެހެން އަމުރެއް ނެރޭކަށް،" ނާޒިމް ވިދާޅުވި އެވެ.
އެ މައްސަލަ ހައްލުކުރުމަށް ކުރެވޭނެ ކަންތައްތަކުގެ މައްޗަށް މެންބަރުން ބަހުސް ކުރެއްވުމުގެ މަރުހަލާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް) ހުށަހެޅުއްވީ އެ މައްސަލައިގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ކޮމެޓީ އަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަށެވެ. އެ ހުށަހެޅުމަށް ދިއްގަރު ދާއިރާގެ މެންބަރުން އަބްދުﷲ ޔާމީން ތާއީދު ކުރެއްވުމުން އެ ހުށަހެޅުމަށް ކޮމެޓީގެ ގިނަ މެންބަރުން ވަނީ ތާއީދު ކުރައްވައިފަ އެވެ.
މެންބަރުންގެ ތާއީދު ލިބުނު ގޮތަށް ރިޔާސަތުން ނިންމެވީ ފިނޭންސް މިނިސްޓާ ކޮމެޓީ އަށް ހާޒިރުވުމަށް އެންގުމަށެވެ. އަދި އިދާރީ ކަންތައްތައް ހަމަޖެހުނުހާ އަވަހަކަށް އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ކޮމެޓީ އަށް މިހާތަނަށް ގޮތެއް ނުނިންމި ދިގުލައިގެން ގޮސްފައިވާ ގިނަ އޮޑިޓް ރިޕޯޓްތަކަކަށް އަވަހަށް ގޮތެއް ނިންމުމަށް ވެސް ކޮމެޓީގެ އިއްތިފާގުން މިއަދު އެއްބަސްވި އެވެ.