18 Sep 2010, 10:09
އެއް ޤައުމަށް އަނެއް ޤައުމުގެ ފަރާތުން ހޯދައިގަނެވިދާނެ ވަރަށް ގިނަ ފިލާވަޅުތަކެއް ރާއްޖެ އާއި އިންޑިޔާ އަށް އެބަހުރި ކަމުގައި ނައިބު ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ރާއްޖެ އާއި އިންޑިޔާއާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، އިންޑިޔާގެ މިނިވަން ދުވަހާ ގުޅުވައިގެން، ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނާއި އިންޑިޔާ ކްލަބް ގުޅިގެން ބޭއްވި "އިންޑިޔާ-މޯލްޑިވްސް ފްރެންޑްޝިޕް ފެސްޓިވަލް 2010" ނިންމުމުގެ ރަސްމިއްޔާތު، ޝަރަފްވެރި ކޮށްދެއްވައި ދެއްކެވި ވާހަކަ ފުޅުގަ އެވެ.
ރޭ ދަރުބާރުގޭގައި އޮތް އެ ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އާއި އިންޑިޔާއާ ދެ ޤައުމަށްވެސް އެއް ޤައުމަށް އަނެއް ޤައުމުގެ ފަރާތުން ހޯދައިގަނެވިދާނެ ވަރަށް ގިނަ ފިލާވަޅުތަކެއް އެބަހުރި ކަމަށާއި އެ ގޮތުން ޓޫރިޒަމް އިންޑަސްޓްރީ ތަރައްޤީކުރުމާއި، ޑިމޮކްރެޓިކް މުޖްތަމަޢެއް ބިނާކުރުމާއި، އަދި ތިމާވެށްޓާ ރައްޓެހި ދެމެހެއްޓެނިވި ތަރައްޤީ ޙާސިލު ކުރުން ފަދަ ދާއިރާތަކަކީ، ދެޤައުމުގެ ދެމެދުގައި ތަޖުރިބާ ޙިއްޞާކޮށް، އެއްޤައުމަށް އަނެއް ޤައުމުގެ ފަރާތުން ފިލާވަޅު ހޯދޭނެ ދާއިރާތައްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެއާއި އިންޑިޔާއާ ދެމެދު ޘަޤާފީ ގޮތުންނާއި، ސްޓްރެޓީޖިކް ދާއިރާތަކުން ވަރަށް ބޮޑަށް ގުޅުން ބަދަހިވެފައިވާ ކަމުގައި ވިދާޅުވި އެވެ. އެ ގޮތުން ވިޔަފާރީގެ ދާއިރާއިން، އިންޑިޔާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، އިންޑިޔާގައި ތަޢުލީމް ޙާސިލް ކުރަންދާ ދިވެހި ކުދިން ކުރިއަށްވުރެ އިތުރުވެފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި އުޅޭ އިންޑިޔާ ރައްޔިތުން އިސްނަގައިގެން ކޮންމެ އަހަރަކު ބާއްވާ ފެސްޓިވަލަކީ، ދިވެހި ރައްޔިތުންނާއި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާ ފެސްޓިވަލެއް ކަމުގައި ވިދާޅުވި އެވެ. މިއަހަރުގެ ފެސްޓިވަލްގެ ސަބަބުން އިންޑިޔާގެ ޘަޤާފަތް، މީގެކުރިން ދިވެހިންނަށް ތަޖުރިބާ ކުރެވިފައި ނުވާފަދަ ގޮތަކަށް ތަޖުރިބާ ކުރެވިގެން ގޮސްފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޖުލައި މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިފްތިތާޙްކޮށް ދެއްވި މިއަހަރުގެ އިންޑިޔާ-މޯލްޑިވްސް ފްރެންޑްޝިޕް ފެސްޓިވަލްގައި، އިންޑިޔާގެ ފަންނާނުންނާއި، ފިލްމީ ތަރިންނާއި، އެކި ދާއިރާތަކުގެ ޢިލްމް ވެރިންނާއި ތަޖުރިބާ ކާރުންނާއި، ވިޔަފާރިވެރިންނާއި، އިންވެސްޓަރުން ބައިވެރިވެފައިވެ އެވެ. މިއީ، އިންޑިޔާ-މޯލްޑިވްސް ފްރެންޑްޝިޕް ފެސްޓިވަލް ބޭއްވި ދެވަނަ ފަހަރެވެ. މި ފެސްޓިވަލް ފުރަތަމަ ބާއްވާފައިވަނީ އިންޑިޔާގެ މިނިވަން ދުވަހާ ގުޅުވައިގެން މިދިޔަ އަހަރެވެ.