12 Nov 2012, 11:04
ލިވަޕޫލްގެ އުރުގުއޭ ފޯވާޑް ސުއަރޭޒް އަކީ ޑައިވް ކުރާ ކުޅުންތެރިއެއް ކަމުގައި ދެކެވޭ ވާހަކަތަކަށް އޭނާ ރައްދުދީފި އެވެ.
ލިވަޕޫލްގެ ކުރީގެ ފޯވާޑް ފެނާންޑޯ ޓޮރޭސް އެކުލަބު ދޫކޮށް ދިއުމުން، އެމަގާމު ފޫބެއްދުމަށްޓަކައި މިދިޔަ އަހަރު އަޔެކްސް އިން ގެނައި ސުއަރޭޒް އަށް ކެނޑިނޭޅި ފާޑުކިޔުންތަކާއި ކުރިމަތިލާން ޖެހިފައިވެ އެވެ. މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގެ ޕްޓްރީސޭ އެވްރާ އާއި ނަސްލީގޮތުން ބެހިފައިވާތީ ސަސްޕެންޝަނަކާއި ކުރިމަތިލާން ވެސް ޖެހިފައިވެ އެވެ.
"އަހަރެން ޕެނަލްޓީ އޭރިޔާ ތެރެއަށް ޑައިވް އެއް ނުކުރަން. އަބަދުވެސް އަހަރެންނާ ބެހޭ ގޮތުން މިކަހަލަ ދޮގު ވާހަކަތަކެއް ދެކެވޭ. ރެފްރީންގެ ނިންމުންތައް އަހަރެން ގަބޫލުކުރަން. އެމީހުންނަކީ ވެސް އިންސާނުން. އަދި އަހަރެންނަށް ކިޔަމުންދާ ފާޑުކިޔުންތައް ވެސް އަހަރެން ގަބޫލުކުރަން. ނަމަވެސް ބައެއް މީހުން ސަބަބަކާއި ނުލައި އަހަރެންނަށް ހަމަލާދ ދެމުންދޭ. މެޗުތަކުގެ ސްޓެޓިސްޓިކްތަކަށް ބަލާއިރު، އެންމެ ގިނަ ފައުލްތައް އަމާޒުވަނީ އަހަރެންނަށް އަދި ގިނަ ހިލޭ ޖެހުންތައް ވެސް ލިބެނީ އެކަމާއި ހެދި." ސުއަރޭޒް ބުންޏެވެ.
އުމުރުން 25 އަހަރުގެ ސުއަރޭޒް ވަނީ މިސީޒަނުގައި ލިވަޕޫލް އަށް 8 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އޭގެ ތެރޭގައި ޗެލްސީއާއި ދެކޮޅަށް ރޭ ކުޅުނު ޕްރެމިއާ ލީގު ގޯލު ވެސް ފާހަގަކޮށްލެވެ އެވެ. ޕްރެމިއާ ލީގުގައި ޗެލްސީ އަތުން 1-0 ލަނޑުން ބަލިވާން ދަނިކޮށް، ލިވަޕޫލް ސަލާމަތް ކޮށްދިން ކުޅުންތެރިއަކީ ސުއަރޭޒް އެެވެ.