12 Nov 2012, 10:57
އެއް އަހަރުތެރޭ އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިންގެ ލިސްޓްގެ ދެވަނާގައި އުޅޭ ބްރެޒިލްގެ ކުރީގެ ތަރި ޕެލޭ ހެދި ރެކޯޑް ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ މުގުރާލައިފި އެވެ.
އަހަރެއް ތެރޭ އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާ އަކީ ބަޔާން މިއުނިކާއި ވެސްޓް ޖަރުމަންގެ ގައުމީ ޓީމަށް ކުރިން ކުޅުނު ގާޑް މުލާ އެވެ. ނަވާރަސަތޭކަ ހަތްދިހަ ދެ ވަނަ އަހަރު ކުޅުނު 60 މެޗުން މުލާ ވަނީ 85 ގޯލް ކާމިޔާބުކޮށްފަ އެވެ. ކުރިން ލިސްޓްގެ ދެވަނާގައި އޮތް ޕެލޭ އަށް ކާމިޔާބު ކުރެވިފައި ވަނީ 75 ލަނޑެވެ. ސްޕެނިޝް ލަލީގާގައި މަލޯކާ އާއި ދެކޮޅަށް ރޭ ކުޅުނު މެޗުގައި މެސީ ކާމިޔާބުކުރި ދެލަނޑާ އެކު، އަހަރެއްތެރޭ އޭނާ އަށް ކާމިޔާބު ކުރެވިފައި ވަނީ 76 ލަނޑެވެ.
ލަލީގާގައި ރޭ މަލޯކާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. އަދި 3-2 ލަނޑުގައި އޮއްވެ ބާސާ ކުރީގައި އޮއްވާ، މެޗު ނިމެން ވިހި މިނެޓަށް ވެފައި ވަނިކޮށް މެސީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. 4-2 ލަނޑުން ބާސާ މޮޅުވި މިމެޗަކީ މެސީ މިއަހަރު ކުޅުނު 59 ވަނަ މެޗެވެ.
ބާސާ އަށް މިއަހަރު ނުވަ މެޗު ކުރިއަށް އޮތް އިރު، މެސީ އަށް މުލާ ރެކޯޑް ވެސް މުގުރާލެވިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެހެންވެއްޖެ ނަމަ، މެސީ ވެގެންދާނީ އަހަރެއްތެރޭ އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާ އަށެވެ.