ޑްރަގް ކޯޓް ހިންގުމަށް ތައްޔާރު ކުރެވުނު އާ އިމާރާތް ނާއިބް ރައީސް އަދި ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ރައީސް މުހައްމަދު ވަހީދުއްދީން މިއަދު ހުޅުއްވައި ދެއްވައިފި އެވެ.

ނާއިބް ރައީސް އެ އިމާރާތް ހުޅުއްވައި ދެއްވީ މިއަދު ހެނދުނު 8:45ގައި އެ އިމާރާތުގައި ބޭއްވި ރަސްމިއްޔާތެެއްގަ އެވެ. އެ އިމާރަތް ހުޅުއްވައި ދެއްވުމަށް ފަހު ނާއިބް ރައީސް ވަނީ އެ އިމާރާތުގައި ގައުމީ ދިދަ ނަންގަވައިދެއްވައިފަ އެވެ. އަދި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން އެ އިމާރާތުގައި ޖުޑީޝަރީގެ ދިދަ ނަންގަވައިދެއްވި އެވެ.

ދިދަ ނެންގެވުމަށް ފަހު ނާއިބް ރައީސާއި އުއްތަމަ ފަނޑިޔާރު ވަނީ އެ ކޯޓުގެ ޝަރީއަތް ކުރާ ކޮޓަރިތައް ބަލައްވައިލައްވާފަ އެވެ. އެ ކޯޓުގައި ފަސް ފަނޑިޔާރުން ތިއްބެވި އިރު ޝަރީއަތް ކުރާ ފަސް ކޮޓަރި ވެސް ހުރެ އެވެ.

ޑްރަގް ކޯޓުގެ އާ އިމާރާތަކީ ކުރީގެ އެންސްޕާ ހިންގި އިމާރާތެވެ. އެ އިމާރާތް މަރާމާތުކޮށްފައި ވަނީ 2.5 މިލިއަން ރުފިޔާ އަށް ވައިޓްލައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެނެވެ. މިއަދު އާ އިމާރާތަށް ބަދަލުވުމުގެ ކުރިން ޑްރަގް ކޯޓުގެ މަސައްކައްކަތްތައް ކުރެވިފައި ވަނީ ފަންހިޔާ ބިލްޑިންގަ އެވެ.

ޑްރަގް ކޯޓަކީ މަސްތުވާތަކެއްޗާ ބެހޭ އާ ގާނޫނުގެ ދަށުން އުފެދުނު ކޯޓެވެ. އެ ކޯޓުން ބަލަނީ ހަމައެކަނި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އިއުތިރާފުވާ މީހުންގެ މައްސަލަތައް އެކަންޏެވެ.