ޕްރެމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން ރޭގެ މެޗުގައި ޓޮޓެންހަމްގެ ކުޅުމަށް ހުރަސް އެޅި ކަމުގައި އެކުލަބުގެ ކޯޗް އަންދްރޭ ވިޔަސް ބޮއަސް ބުނެފި އެވެ. ސިޓީ އަތުން ރޭ ޓޮޓެންހަމް ބަލިވީ 2-1 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފް ޓޮޓެންހަމް އިން ނިންމާލީ، އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ސިޓީ ހިތްދަތިކޮށްލައިފަ އެވެ. ފުރަތަމަ ހާފްގައި ޓޮޓެންހަމް އަށް ލީޑް ނަގައިދިނީ ސްޓީވަން ކޯލްކާ އެވެ. ނަމަވެސް ޓޮޓެންހަމްގެ ލީޑަށް ސިޓީ އިން ވަނީ ދެ ވަނަ ހާފްގައި ރައްދު ދީފަ އެވެ. މެޗުގެ ދެވަނަ ހާފްގައި ސިޓީގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއެރޯ ނަތީޖާ ހަމަހަމަ ކޮށްދިން އިރު، އެޑިން ޖެކޯ ވަނީ މެޗުގެ ފަހު ވަގުތު ކޮޅުގައި ޓޮޓެންހަމް ރޮއްވާލައިފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޓޮޓެންހަމްގެ ކޯޗު ވަނީ އެކުލަބުގެ ޕްލޭންތައް ރޭވި ގޮތް ހާމަކޮށްފަ އެވެ. "މެޗުގެ ކުރިން އަހަރެމެން ރޭވީ ބޯޅަ ކޮންމެވެސް ވަރަށް ހިފަހައްޓައިގެން ކުޅެން. އަދި ވިންގަށް ކުޅޭ ކުޅުންތެރިންނާއި މަސައްކަތްކުރަން ވެސް ރޭވިން. ނަމަވެސް ސިޓީއިން އެކަންތަކަށް ހުރަސްއެޅި. އެ ޓީމުން އަހަރެމެން ފަހަތަށް ޖެއްސި." ވިޔަސް ބޮއަސް ބުންޏެވެ.

ރޭގެ މެޗުގައި ޓޮޓެންހަމްގެ ފުރަތަމަ އެގާރަ އަށް ވިޔަސް ބޮއަސް ވަނީ ބަދަލުތަކައް ގެނެސްފަ އެވެ. އެގޮތުން ފާހަގަކޮށްލެވުނު އެންމެ ބޮޑު އެއްބަދަލަކީ އާންމުކޮށް ޓޮޓެންހަމްގެ ފޯވާޑެއްގެ މަގާމުގައި ހުންނަ ޖާމެން ޑެފޯގެ ބަދަލުގައި ކުރިން ސިޓީ އަށް ކުޅުނު ފޯވާޑް އެމަނުއެލް އަޑެބަޔޯ އެމަގާމުގައި ބެހެއްޓުމެވެ.