ދަވްޙާ(ނޮވެމްބަރ 12): ޤަތަރުގެ ވެރިރަށް ދަވްޙާގައި ކުރިޔަށްދާ ސޫރިޔާގެ އިދިކޮޅު ފަރާތްތައް އެއްގަލަކަށް އެރުވުމުގެ މަހާސިންތާއިން އެ ޤައުމުގެ އިދިކޮޅު ހުރިހާ ފަރާތްތަކެއް ތަމްސީލު ކުރައްވާ ޒައީމަކަށް ތަޖްރިބާކާރު އެކްޓިވިސްޓެއް ކަމަށްވާ މުޢާޒުލްޚަތީބް އިންތިހާބުކޮށްފި އެވެ.

ދަވްޙާގައި ކުރިޔަށްދާ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ މަހާސިންތާގެ ބޭނުމަކީ ބައިބައިވެފައިވާ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކާއި ހަނގުރާމަވެރިންގެ ގުޅިފައިވާ ކޯލިޝަނެއް އެކުލާލައި ބާރުގަދަ އެއްޖަމާއަތުގެ ގޮތުގައި އިދިކޮޅު ފަރާތްތައް ނުކުމެ ރައީސް ބައްޝާރުލް އަސަދްގެ ވެރިކަން ވައްޓާލުމަށް ޢަސްކަރީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރުމެވެ. އަދި ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ބައިނަލްއަޤްވާމީ އިޢްތިރާފް ހޯދުމަކީ ވެސް މި ކޯލިޝަން އެކުލަވާލުމުގެ މައިގަނޑު ބޭނުމެކެވެ.

ދަވްޙާގެ މަހާސިންތާގައި ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކާއި ހަނގުރާމަވެރިންގެ ގުޅިފައިވާ ކޯލިޝަނެއް އެކުލަވާލުމަށް އުސޫލެއްގެ ގޮތުން ހުރިހާ ފަރާތްތަކުން ވެސް މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި މިކޯލިޝަންގެ ޒަޢީމަކަށް ތަޖްރިބާކާރު އެކްޓިވިސްޓެއް ކަމަށްވާ މުޢާޒުލްޚަތީބް އިންތިޚާބު ކުރުމުގެ އިތުރުން އޭނާގެ ދެ ނައިބުންނަށް ރިޔާޒް ސައިފް އާއި ސުހައިރުއަލްއަތާސީ ވެސް ވަނީ އިންތިޚާބުކޮށްފަ އެވެ.

އަނެއްކޮޅުން ބައްޝާރުލްއަސަދްގެ ސަރުކާރު ވައްޓާލުމަށް ހަނގުރާމަކުރަމުން ގެންދާ "ފްރީ ސީރިޔަން އާމީ" ލަޝްކަރުން އިއްޔެ ވަނީ ސޫރިޔާގައި ތިއްބަވާ ބޭރުގެ ސަފީރުންނަށާއި ޑިޕްލޮމޭޓުންނަށް އެޤައުމު ދޫކޮށް ދިޔުމަށް އިންޒާރުކޮށްފަ އެވެ. "ފްރީ ސީރިޔަން އާމީ" ލަޝްކަރުގެ ޢަސްކަރީ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ސޫރިޔާގައި ތިއްބަވާ ބޭރުގެ ސަފީރުންނަށާއި ޑިޕްލޮމޭޓުންނަށާއި އދ. އާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކުގެ މިޝަންތަކަށް އިންޒާރުކޮށްފައި ވަނީ ހަތްދިހަ ދެ ގަޑީއިރު ތެރޭގައި ސޫރިޔާ އިން ފުރައިގެން ދިޔުމަށެވެ."ފްރީ ސީރިޔަން އާމީ" ލަޝްކަރަކީ ސޫރިޔާގެ އެންމެ ބޮޑު އިދިކޮޅު ހަނގުރާމަވެރި ޖަމާއަތެވެ.

އެޖަމާއަތުން ނެރުނު ބަޔާނުގައި ސޫރިޔާގައި މަސައްކަތްކުރާ ބޭރުގެ ކުންފުނިތަކަށް ވެސް މަސައްކަތް ހުއްޓާލުމަށް ފަހު އެކުންފުނިތަކަށް ނިސްބަތްވާ ބޭރުމުވައްޒަފުން ހަތްދިހަ ދެގަޑިއިރު ތެރޭގައި ސޫރިޔާ އިން ފުރައިގެން ދިޔަށް އިންޒާރު ދީފައިވެ އެވެ. މި މުހުލަތުގެ ތެރޭގައި ސޫރިޔާ އިން ފުރައިގެން ނުގޮސްފި ނަމަ އެއީ ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ބައްޝާރުގެ ސަރުކާރުން ހިންގާ ހަނގުރާމައިގާ ބައިވެރިވުން ކަމަށް ބަލާނެ ކަމަށްވެސް "ފްރީ ސީރިޔަން އާމީ" ލަޝްކަރުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިއީ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތަކުން ބޭރުގެ ފަރާތްތަކަށް ދިން މިބާވަތުގެ ފުރަތަމަ އިންޒާރެވެ. ސޫރިޔާގައި އިއްޔެ ބަދަލުކުރެވުނު ޙަމަލާތަކުގައި ވެސް 110 މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވާ ކަމަށް "ސީރިޔަން ނެޓްވާކް ފޯ ހިޔުމަން ރައިޓްސް" އިން ބުނެ އެވެ. (ނޫސްއެޖެންސީތައް)