ޓެކްސީގެ ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ހޯދައި ދިނުމުގެ ގޮތުން ޓެކްސީގެ ހިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވާލަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރީޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒް ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަފުޅު ދައްކަވަމުން ނާފިޒް އިއްޔެ ވިދާޅުވީ އިތުރު ފަރާތްތަކަށް ޓެކްސީގެ ހިދުމަތް ފޯރުކޮށް ދިނުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމީ މިހާރު އެ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ޓްކްސީގެ ހިދުމަތް ދެމުން އަންނަ 750 ފަރާތްތެއް ވާއިރު އާންމު ރައްޔިތުން އެ ހިދުމަތް ބޭނުންވާ ވަރާގާތަށް ވެސް ހިދުމަތް ދެވެމުން ނުދާތީ އެ މައްސަލަ ހައްލު ކުރުމަށް ޓްރާންސްޕޯޓް އެތޯރިޓީގެ އިސްފަރާތްތަކާއި އާންމު ރައްޔިތުންނާއި ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.

"ޓެކްސީގެ ހިދުމަތް އާންމުންނަށް ބޭނުންވާ ފެންވަރަށް އާންމުން ބޭނުންވާ ހިނދުގަ ހިދުމަތް ނުލިބޭތީ މިކަމުގެ ޝަކުވާ މިތަނަށް ކެޑިނޭޅި ލިބޭ. އަދި އެ ޝަކުވާ ތަކާއި ގުޅިގެން ޓްރާސްޕޯޓް އޮތޯރިޓީން ޓްރެފިކް ޕޮލިސްއާ ގުޅިގެން ސެންޓަރުތަކުގެ ސާވޭއެއް ކުރިން. އެ ސާވެ ދައްކާ ގޮތުން ޓެކްސީ ތަކަށް ފޯނުކޯލްތައް ލިބޭ އަދަށް ބަލާއިރު 50 ޕަސެންޓަށް ހިދުމަތް ނުދެވޭ،" ނާފިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެން ޓެކްސީގެ ހިދުމަތައް އެދި ގުޅާ ފަރާތް ތަކައް ވެސް ފޯން އެންގޭޖް ވެގެންނާއި އަދި ވެސް އެހެނިހެން ސަބަބުތަކާ ހުރެ ޓެކްސީ ލިބުން ވަނީ އުނދަގޫކަމަކަށް ކަމަށެވެ.

ޓެކްސީ ދުއްވުމުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޓެކްސީތައް ހުންނަން ޖެހެނީ ޓެކްސީ ސެންޓަރުގެ ނަންމަތީގައި ކަމަށް ވީ ނަމަވެސް ގިނަ ޓެކްސީތަކަކީ އެކި މީސްމީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަކެތި ކަމަށެވެ. އަދި ޓެކްސީގެ ހިދުމަތް ފޯރުކޮށް ދެމުން ދަނީ އެ ޓެކްސީއެއްގެ ވެރިފަރާތް ބޭނުންވާ ގޮތަށް ކަމަށް ސެންޓަރު ތަކުން ބުނެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އޭގެ މިސާލެއްގެ ގޮތުގަ ސެންޓަރު ތަކުން މި ވިދާޅުވަނީ ގިނަފަހަރު ޓެކްސީ ދުއްވާ ބޭފުޅުން މިހައްދަވާ ގޮތަކީ ދުވާލަކަށް 200 ވަރަކަށް ރުފިޔާ ނުވަތަ 300 ވަރަކަށް ރުފިޔާ ލިބުނީމަ އެދުވަހުގެ ހިދުމަތް ދިނުން ހުއްޓާލަނީ އޭ،" ނާފިޒް ވިދާޅުވި އެވެ.

ސެންޓަރުތަކުން ޓްރާންސްޕޯޓް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސް ވުމުގެ ދަށުން ސެންޓަރު ތަކުން 24 ގަޑިއިރުގެ ހިދުމަތް ދޭން ޖެހޭނެ ކަމަށާއި އަދި ކޮންމެ ޓްކްސީ އަކުން ވެސް ދުވާލަކު މަދުވެހެން 20 ދަތުރު ކުރަން ޖެހޭނެ ކަމަށެވެ. އަދި މިހާރު އެކުލަވައި ލެވިފައިވާ ޓެކްސީ ދުއްވުމުގެ ގަވާއިދުގައި ވެސް އެކަން ހިމެނިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލަށް ޓެކްސީ ދުއްވުމުގެ ހުއްދަ ދިނުމުގައި އެންމެ އިސްކަންދޭނީ މިހާރު ޓެކްސީ ދުއްވުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ ތެރެއިން އެ ހިދުމަތް ދެމުން ނުދާ ނުވަތަ ދޭން ބޭނުން ނުވާ ފަރާތްތަކާއި ވާހަކަ ދައްކައިގެން އެ ހުއްދަތައް ޓެކްސީގެ ހިދުމަތް ދޭން ބޭނުންވާ ފަރާތް ތަކުގެ ނަންމައްޗަށް ބަދަލު ކުރަން ކަމަށެވެ.

މާލޭގައި ޓެކްސީ ހިދުމަތް ދިނުމަށް 750 ޓްކްސްސީ ރަޖިސްޓްރީ ކުރެވިފައިވާއިރުހިދުމަތް ދެމުން ގެންދަނީ 50 ނުވަތަ 60 ހަކަށް ޓްކްސީ ކަމަށް ހިސާބުތަކުން ދައްކަ އެވެ.