ބަޣްދާދު (ނޮވެމްބަރ 12): ޢިރާޤުގައި 10 މީހަކަށް އިއްޔެ މަރުގެ އަދަބު ދީފި އެވެ. ޢިރާޤުގެ ޖަސްޓިސް މިނިސްޓްރީން ހާމަކުރާ ގޮތުގައި މި 10 މީހުުންނަކީ އެ ޤައުމުގައި ބޮން ގޮއްވުމާއި މީހުން މެރުމާއި މީހުން ވަގަށްނެގުން ފަދަ ޓެރަރިސްޓް ޢަމަލުތައް ހިންގިކަން ތަހުގީގުތަކުންނާއި ޝަރީޢަތަށް ސާބިތުވެގެން މަރުގެ އަދަބު ދިނުމަށް ކޯޓުން ހުކުމްކޮށްފައިވާ އަދި ކޯޓުގެ ހުރިހާ މަރްޙަލާތަކެއް ކަޑައްތުކޮށްފައިވާ މީހުންނެވެ.

މި 10 މީހުންގެ ތެރޭގައި މިސްރުގެ ރައްޔިތަކު ވެސް ހިމެނެ އެވެ. މި 10 މީހުންނަށް މަރުގެ އަދަބު ތަންފީޒުކޮށްފައި ވަނީ ދަންޖައްސައި މަރައިގެންނެވެ. މި 10 މީހުންނާ އެކު މި އަހަރު އިރާގުގައި މަރުގެ އަދަބު ދެވުނު މީހުންގެ ޢަދަދު ވަނީ 129 އަށް އަރައިފަ އެވެ. މިދިޔަ އަހަރު އިރާގުގައި މަރުގެ އަދަބު ތަންފީޒުކޮށްފައި ވަނީ 68 މީހެއްގެ މައްޗަށެވެ.
އިރާގުގައި އެމެރިކާ ސިފައިން އެޤައުމަށް އަރައިގަތުމާ ގުޅިގެން ޓެރަރިޒަމްގެ ހާއްޔަކަށް ބަދަލުވެފައިވާ ޤައުމެކެވެ. ޢިރާޤުގައި ބޮން ގޮއްވުމާއި މީހުން މެރުމާއި މީހުން ވަގަށްނެގުން ފަދަ ޓެރަރިސްޓް ޢަމަލުތައް ވަނީ ޢާންމު ވެފަ އެވެ. މިފަދަ ޓެރަރިސްޓް ޢަމަލުތަކުގައި ޢިރާޤުން މަރުވެ އަދި ޒަޚަމްވަމުންދާ މީހުންގެ ޢަދަދު ކޮންމެ މަހަކު އެތައް ސަތޭކައަކުން ގުނާލެވެ އެވެ.
ޢިރާޤުން މަރުގެ އަދަބު ތަންފީޒުކޮށްފައި މިވަނީ އިންސާނީ ޙައްޤުތަކުގެ ނަމުގައި ވާކާލާތުކުރާ އިންސާނީ ޙައްޤުތަކާ ބެހޭ އދ.ގެ ހައިކޮމިޝަނުންނާއި އެމްނެސްޓީ އިންޓަނޭޝަނަލްގެ އިތުރުން ޔޫރަޕްގެ ބައެއް ޤައުމުތަކުން މިއަދަބު ދިނުން ހުއްޓާލުމަށް ތަކުރާރުކޮށް އެޤައުމަށް އިލްތިމާސް ކުރަމުން ގެންދަނިކޮށެވެ. މިދިޔަ އޮގަސްޓް މަހު ވެސް ޢިރާޤުގައި ހަ މީހެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކޮށްފައިވެ އެވެ. (އަލްޖަޒީރާ)