12 Nov 2012, 08:50
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ކޮންމެ އަހަރަކު ވެސް ދެއްވާ ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރޭ ދެއްވައިފި އެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ ތިން ބޭފުޅަކަށެވެ. އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރު ކުރުމާއި، ޚިދުމަތް ކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާ އިން އިނާމު ލިބިވަޑައިގަތީ ޝެއިޚު އުސްމާން އަބްދުﷲ އަށެވެ.
ދިވެހި ބޭސްވެރިކަން ކުރުމާއި އެ މަސައްކަތް ތަރައްގީ ކުރުމުގެ ރޮނގުން އިނާމު ލިބިވަޑައިގަތީ މ. ރަތްމަންދޫ ހަނދުވަރީގޭ އާދަމް އަލީ އަށެވެ. އަދި އިމާރާތްކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާ އިން އިނާމް ހާސިލްކުރެއްވީ ގ. ގަލޮޅުފެހި އަބްދުﷲ މުހައްމަދަށެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގައި އެ ތިން ބޭފުޅުންނަށް ވެސް ރައީސް ވަހީދު ވަނީ ޝަރަފްގެ އައްޑަނަ އާއި ޝަރަފްގެ ބެޖާއި ހަނދާނީ ލިޔުން ދެއްވާފަ އެވެ.
ހިތްވަރު ދިނުމުގެ ގައުމީ އިނާމު މިއަހަރު ވަނީ 19 ބޭފުޅަކަށް ދެއްވާފަ އެވެ.
ދިވެހި ބަހުގެ އިލްމު ކުރި އެރުވުމާއި ބަސް ދިރާސާ ކުރުމުގެ ރޮނގުން އިނާމް ހާސިލް ކުރެއްވީ މ. ކުރޮޅި އާދަމް ޒާހިރެވެ.
ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން އިނާމް ހާސިލް ކުރެއްވީ އއ. ތޮއްޑޫ ގިރިޓީގޭ އާދަމް ނަސީރު އިބްރާހިމެވެ.
ނަފްސާނީ ބަލިތަކާ ބެހޭ ރޮނގުން އިނާމް ހާސިލް ކުރެއްވީ ހ. ސީސައިޑް ޑރ. އާއިޝަތު އަލީ ނާޒެވެ.
އުޅަނދުފަހަރު ފަރުމާ ކުރުމާއި ކިއްސަރު ވަޑާމުގެ ރޮނގުން އިނާމް ހާސިލް ކުރެއްވީ ރ. އަލިފުށީ ގުލްރައުނާގޭ މުހައްމަދު ޔޫސުފެވެ.
ލިޔެލާޖެހުމުގެ ރޮނގުން އިނާމް ހާސިލް ކުރެއްވީ ބ. ތުޅާދޫ އަސުރުމާގޭ އިބްރާހިމް ޒުބައިރެވެ.
މައުލޫމާތު ފެތުރުމާއި ހުށަހެޅުމުގެ ހުނަރުވެރިކަމުގެ ރޮނގުން އިނާމް ހާސިލް ކުރެއްވީ ސ. ހުޅުދޫ ހެޕީކޯނާ މަސްއޫދު އަލީ އެވެ.
ނޫސްވެރިކަމުގެ ރޮނގުން އިނާމް ހާސިލް ކުރެއްވީ ހަވީރު ނޫހުގެ ލޯކަލް އެޑިޓާ ބ. އޭދަފުށީ މަތިހާ އިސްމާއިލް ނަސީރެވެ.
ފިލްމީ ދާއިރާއިން އިނާމް ހާސިލް ކުރެއްވީ ވ. ކަންދު ރޯނުގޭ ހަސަން މަނިކެވެ.
ރޭގެ ޖަލްސާގައި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލް ކުރައްވާފައިވާ 13 ބޭފުޅަކަށް ވެސް ވަނީ ގައުމީ އިނާމް ހަވާލު ކުރައްވާފަ އެވެ.
އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ލަންޑަނުން 2008 ވަނަ އަހަރު ކްރިމިނަލް ޖަސްޓިސް ސިސްޓަމްގެ ރޮނގުން ޑޮކްޓަރު އޮފް ފިލޯސަފީ ހާސިލް ކުރައްވާފައި ވާތީ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ވެސް ވަނީ ގައުމީ އިނާމް ލިބިވަޑައިގެންފަ އެވެ.
މިސްރުގެ އަލް އަޒުހަރު ޔުނިވާސިޓީން 2008 ވަނަ އަހަރު ސިޔާސާ ޝަރްއިއްޔާގެ ރޮނގުން ޑޮކްޓަރޭޓް ހާސިލްކުރައްވާފައި ވާތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް ވެސް ވަނީ ގައުމީ އިނާމް ލިބިވަޑައިގެންފަ އެވެ.
އިނގިރޭސި ވިލާތުގެ ދަ ޔުނިވާސިޓީ އޮފް މެންޗެސްޓާ އިން 2010 ވަނަ އަހަރު ކްލިނިކަލް ސައިކޮލޮޖީގެ ރޮނގުން ޑޮކްޓަރު އޮފް ފިލޯސަފީ ހާސިލްކުރައްވާފައި ވާތީ ޑރ. އާއިޝަތު އަލީ ނާޒަށް ވެސް ވަނީ ގައުމީ އިނާމް ލިބިވަޑައިގެންފަ އެވެ.
ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީ އޮފް ވެލިންޓަނުން 2011 ވަނަ އަހަރު ސޯޝަލް ޕޮލިސީގެ ރޮނގުން ޑޮކްޓަރު އޮފް ފިލޯސަފީ ހާސިިލް ކުރައްވާފައިި ވާތީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދަށް ވެސް ވަނީ ގައުމީ އިނާމް ލިބިވަޑައިގެންފަ އެވެ.
މީގެއިތުރުން މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދި 12 ބޭފުޅަކަށް ވެސް ގައުމީ އިނާމް ދެއްވާފައި ވެއެވެ.
ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ އިން މިއަހަރު ޝަރީއަތާއި ގާނޫނުން ބެޗްލާސް ޑިގްރީ ކޯސް ފުރިހަމަ ކުރައްވައި އެ ކޯހުން އެެއްވަނަ ހާސިލް ކުރައްވާފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ މަރިޔަމް ތާއިފާ އަށް ވެސް ވަނީ ގައުމީ އިނާމް ލިބިވަޑައިގެންފަ އެވެ.
ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ އިން މިއަހަރު ދިރާސަތުލް އިސްލާމިއްޔާ އިން ބެޗްލާސް ޑިގްރީ ކޯސް ފުރިހަމަ ކުރައްވައި އެ ކޯހުން އެއްވަނަ ހޯއްދަވާފައި ވާތީ ށ. ފޯީކައިދޫ ޖަބުރޯލުމާގޭ އަލީ ޝިޔާމަށް ވެސް ވަނީ ގައުމީ އިނާމް ލިބިވަޑައިގެންފަ އެވެ. އަދި ހަމަ ކުއްލިއްޔާ އިން މިއަހަރު އިސްލާމް މުދައްރިސް ބެޗްލާސް ޑިގްރީ ކޯސް ފުރިހަމަ ކުރައްވައި އެ ކޯހުން އެއްވަނަ ހޯއްދަވާފައި ވާތީ ގއ. ގެމަނަފުށީ ހަބަރުގޭ ޣާނިމް ހުސެއިނަށް ވެސް ވަނީ ގައުމީ އިނާމް ލިބިވަޑައިގެންފަ އެވެ.
މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން 2009 ވަނަ އަހަރު ބެޗްލާ އޮފް އެކައުންޓިން ކޯސް ފުރިހަމަ ކުރައްވައި އެ ކޯހުން އެއްވަނަ ހޯއްދަވާފައި ވާތީ އއ. ރަސްދޫ ބްލޫމީޑް އިބްރާހިމް އަންވަރަށް ވެސް ވަނީ ގައުމީ އިނާމް ލިބިވަޑައިގެންފަ އެވެ.
މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މިދިޔަ އަހަރު މާސްޓާސް އޮފް ސައިންސް ކޯސް ފުރިހަމަ ކުރައްވައި އެ ކޯހުން އެއްވަނަ ހޯއްދަވާފައި ވާތީ ހއ. ތަކަންދޫ ލަކުސްލީން އަހުމަދު އަލީ އަށް ވެސް ވަނީ ގައުމީ އިނާމް ލިބިވަޑައިގެންފަ އެވެ.