ދިވެހި ސަރުކާރާއި ސްރީލަންކާ ސަރުކާރު ގުޅިގެން ފިޝަރީޒު ދާއިރާ އިން ޖޮއިންޓް ވެންޗާއެއް ހަދައި ކޭނިން ފެކްޓަރީއެއް ގާއިމު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް، ރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅުވައި އަދި ދައުރު ނިމުމަކަށް އަންނަ ސަފީރު ހުސައިން އަލިދީދީ ވިދާޅުވެއްޖެ އެވެ.


ސަރަހައްދީ އޮންލައިން ނޫސް، އޭޝިޔަން ޓްރިބިއުނަށް ދެއްވި އިންޓަވިއުއެއްގައި އަލިދީ ވިދާޅުވެފައި ވަނީ، މަސްވެރިކަމުގެ ދާއިރާ އިން އެފަދަ އެއްބަސްވުމެއް ގާއިމު ކުރައްވަން ދެ ފަރާތުން ވާހަކަ ދައްކަވަނީ މަސްވެރިކަމަކީ ޓޫރިޒަމް ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކަމަށް ވާތީ ކަމަށެވެ.


އަލިދީ ވިދާޅުވި ގޮތުގައި މަސްވެރިކަމަކީ މޫސުމީ ކަމެއް ކަމަށާއި ރާއްޖޭގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު ބާނާ ހުރިހާ މަސް "ހަންމަތަ" ނުކުރެވޭ ކަމަށާއި އެފަދަ ފެކްޓަރީއެއް ގާއިމުކުރެވުމުން ދެ ގައުމުގެ ފިޝަރީޒު ސެކްޓަރަށް އެކަމުގެ ފައިދާ ކުރާނެ އެވެ.


ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިވަމުން އަންނަ ކަމަށާއި ދެ ގައުމުގެ ވިޔަފާރިވެރިން ދެ ތަނުގައި ވެސް އިންވެސްޓް ކުރަމުން އަންނަ  ކަމަށް އޭނާ ވިދާޅުވި އެވެ.


ސަންއެފްއެމް އޮންލައިނަށް މިއަދު އަލިދީ ވިދާޅުވީ ދެ ގައުމުގެ ކޭނިން ފެކްޓަރީއެއް ސްރީލަންކާގައި ގާއިމުކުރުމުގެ ވާހަކަ އަކީ ވަރަށް ޅަފަތުގައި އޮތް ވާހަކައެއް ކަމަށާއި ނަމަވެސް އެ ވާހަކަތައް ކުރިއަށްދާ ކަމަށެވެ. އޭނާ ވިދާޅުވީ ފެކްޓަރީ ގާއިމު ކުރާނީ ދެ  ސަރުކާރުގެ ދެމެދުގައިތޯ ނުވަތަ ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުމާއެކުތޯ އަދި ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް ސްރީލަންކާ އާއި ރާއްޖޭގެ ރައީސް އާ ދެ ބޭފުޅުންގެ ފެންވަރުގައި ވެސް އެ ވާހަކަތައް ދެކެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.