ވޭތުވެ ދިޔަ ހަތަރު ފަސް އަހަރެއްގެ ތެރޭގައި، ރާއްޖޭގެ ދާހިލީ އަދި އިގްތިސޯދީ މިނިވަންކަމަށް ބުރޫ އަރާވަރަށް އެކި ދާއިރާތަކުން ބޭރުގެ ފަރާތްތަކަށް ގައުމު ބަރޯސާވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ތަގުރީރުކުރައްވަމުން ރައީސް މިރޭ ވިދާޅުވީ މާލީގޮތުންނާއި އިގްތިޞޯދީގޮތުން، ބޭރުގެ ފަރާތްތަކަށް ގައުމު ބަރޯސާވެފައިވާލެއް ބޮޑުކަމުން ގައުމުގެ މިނިވަންކަމާ އިސްތިގުލާލަށް ބުރޫއަރާ މިންވަރަށް ކަންތައްތައް ގޮސްފައިވާ ކަމަށެވެ.

"މި ވޭތުވެދިޔަ ހަތަރު ފަސްއަހަރެއްގެ ތެރޭގައި، ރާއްޖެވަނީ ދާޚިލީ އަދި އިޤްތިޞާދީ މިނިވަންކަމަށް ބުރޫ އަރާވަރަށް، މާލީ އަދި އިޤްތިޞާދީގޮތުން، ބޭރުގެ ފަރާތްތަކަށް ބަރޯސާވެފައި. މި ދުވަސްތަކަކީ ބޮޑެތި ދުސްތޫރީ ބަދަލުތަކަކަށް ޤައުމު ކުރިމަތިލީ ދުވަސްތަކެއް،" ރައީސް ވިދާޅުވި އެވެ.

އެކަމުގެ ސަބަބުން ގައުމުގެ ދުސްތޫރީ އޮނިގަނޑު ހަލާކުވެ ގާނޫނީ ބޭރުން ދައުލަތް ހިނގަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ފެބުރުއަރީ 7 އަށް ފަހު ގައުމުގެ އިގްތިސޯދީ ތަރައްގީއާ ހާރިޖީ ގުޅުންތަކަށް ބޮޑެތި ގޮންޖެހުންތަކެއް ބަޔަކު ކުރިމަތި ކުރުވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދު ކުރިމަތިވެފައިވާ އިމްތިޙާނަކީ، އިޤްތިޞާދީގޮތުން ދަތިދުވަސްތަކެއްގެ ތެރެއިން، ދައުލަތުގެ އާމްދަނީ އިތުރުކޮށް ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރުކުރުން. ޚާރިޖީ ގުޅުންތައް ދަމަހައްޓައިގެން، މާލީ އަދި އިޤްތިޞާދީ މިނިވަންކަން ޤާއިމުކުރުން. ދާޚިލީ ފާރުތަކެއްނެތް ދުނިޔެއެއްގައި، އިސްލާމްދީނުގެ ވަޙުދަތާއި ޤައުމުގެ މިނިވަންކަން ރައްކާތެރިކުރުން،" ރައީސް ވިދާޅުވި އެވެ.

އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭކަން ފާހަނގަކުރައްވަމުން ރައީސް ވިދާޅުވީ ގައުމުގެ ތުސްތޫރީ ނިޒާމު އަލުންކޮޅަށް ޖަހާ ގައުމު އަމާން އައްސޭރިއަކަށް ގެންދިއުމުގެ ވަގުތު މިއަދު އައިސްޖެހިއްޖެ ކަމަށެވެ. އެގޮތުން ގައުމުގެ ދަރަނި ދުވަހު ނުދާވަރަށް މައްޗަށް ގޮސްފައިވާއިރު ގައުމު ދަރަނިނސް ސަލާމަތްކޮށް ފުދުންތެރި އިގްތިސޯދަކަށް މަގުފަހި ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުއެޅުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވި އެވެ.

" ކުރު މުސްތަޤްބަލެއްގައި ދައުލަތުގެ ބެލެންސް ޝީޓް ފަހިކޮށް، ޤައުމުގެ މުސްތަޤްބަލަކީ ދަރަނިން ސަލާމަތްވެފައިވާ، ތަރައްޤީއަށް މަގުފަހިކުރާ ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުން ފެށިގެން ކުރިޔަށް އޮތް ދުވަސްތަކުގައި ހަރުދަނާ ނިންމުންތަކެއް ނިންމަންޖެހޭ. މިގޮތުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ އިތުރުން، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ގެނަންޖެހޭ ބަދަލުތައް ހިމެނޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުށެއް ނެތި މަރާލެވިފައިވާ އެތައް ބަޔަކަށް އިންސާފު ހޯދައިނުދެވިވާ ކަމަށާއި އެކަންތައްތައް އަވަސްކުރުމަށް އެކަމަށް މަގުފަހިވާ ގާނޫނުތައް އެކަށައަޅައި ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ގޮވާލެއްވި އެވެ. އަދި ފެބުރުއަރީ 7ގެ ހާދިސާއަށް ފަހުވެސް ރައްޔިތުން ދެއްކެވި ކެއްތެރި ނަމޫނާ އަދިވެސް ގައުމުގައިން ކުރިއަށް ދިއުމުގައި ދެއްކެވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

އެގޮތުން ގައުމުގެ ކުރިމަގު ބިނާކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެކަށައެޅުމަށް ފަންނީ ބޭފުޅުން އެކުގައި ބާއްވާ ބައްދަލުވުމެއް ވަރަށް އަވަހަށް ފައްޓަވާނެކަން ރައީސް އިއުލާންކުރެއްވި އެވެ. އެގޮތުން އެ ބައްދަލުވުމުގައި ރާއްޖޭގެ ކުރިމަގުގެ ޗާޓެއް ކުރެހޭނެކަމަށް ރައީސް ވިދާޅުވި އެވެ.

" މިޖަލްސާގައި، ސިޔާސީ ފަރާތްތަކުގެ އިތުރުން، ވިޔަފާރިވެރިންނާއި، އެހެނިހެން މަސައްކަތްތެރިންނާއި، ތަޢުލީމީ ޤާބިލު މީހުންނާއި، ކިޔަވާކުދިންނާއި، އަންހެނުންނާއި ޒުވާނުން ބައިވެރިކުރެވޭނެ. ފަނޑިޔާރުންނާއި ވަކީލުން އަދި އަމިއްލަ ޖަމާޢަތްތައް ބައިވެރިކުރެވޭނެ. މި ބައްދަލުވުމުން ނެރެން ބޭނުންވާ ނަތީޖާއަކީ، ދިވެހިރާއްޖޭގެ މުސްތަޤްބަލާމެދު ވީހާ ގިނަބަޔެއްގެ ޚިޔާލުހޯދުން." ރައީސް ވިދާޅުވި އެވެ.