11 Nov 2012, 22:09
ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މައްޗަށް ނަގާ އިތުބާރުގެ ވޯޓްތައް ސިއްރު ކުރާނެ ކަމަށް، ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އިން ބުނެފި އެވެ.
ވީޓީވީގެ ކޮންފަރެންސް ހޯލްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ މައްޗަށް ނަގާ އިތުބާރާ ބެހޭ ވޯޓު ސިއްރު ކުރަން ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކޮށްފައިވާ ކަމަށާއި އެކަން ނިންމަވާފައި ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ.
"މިހެން ނިންމަން ޖެހޭ ސަބަބުތަކެއް އެބަހުރި. އެއްވެސް ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅި އެ ވަޒީރަކަށް ބައެއް ބޭފުޅުން ވޯޓު ނުދެއްވައިފި ހާލަތެއްގައި އެ ވަޒީރު މަގާމުގައި ދެމި ހުންނަވައިފި ނަމަ ޒާތީ ގޮތުން މަޖިލީހުގައި އިދިކޮޅަށް ވޯޓު ދެއްވާ މެމަބަރުންނާ ދޭތެރޭގައި ފިޔަވަޅުތަކެއް އަޅައި ދަތިކުރުމުގެ ކަންކަން ކޮށްފާނެ ކަމުގެ ބިރު ވެސް އެބައޮތް،" އަލްހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާސިމް އިބްރާހިމް ހުށަަހަޅުއްވައިގެން ކުރިން ވެސް އެ އިސްލާހު އޮތީ ފާސްކޮށްފައި ކަމަށާއި ނަމަވެސް މަޖިލީހުގެ ތަޅުމަށް އައި ފަހުން ގަވާއިދު އޮތީ ބަދަލުވެފައި ކަމަށެެވެ. އަދި ވިދާޅުވީ މިއަދު ޕާޓީ އަށް އެ ފުރުސަތު ލިބިފައިވާތީ އެމްޑީޕީގެ ފަރާތުން ހުށަހަޅައިގެން ކޮމެޓީ އިން އެ މައްސަލަ އޮތީ އެގޮތަށް ނިމިފައި ކަމަށެވެ. އެހެން ކަމުން މަޖިލީހުގައި ޖުމްހޫރީ ޕާޓީން ވޯޓު ދޭނީ ސިއްރު ވޯޓެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސާއި ހޯމް މިނިސްޓަރުގެ މައްޗަށް ނެގުމަށް ޝެޑިއުލްކޮށްފައިވާ ވޯޓު ސިއްރު ކުރައްވާނެ ކަމަށް އަލްހާން ވިދާޅުވާ އިރު، އެ ޕާޓީ ތަމްސީލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ ތިން މެންބަރުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރު ކުރުމާއި ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ނަގާ ވޯޓު ސިއްރު ކުރަން ކެމެޓީން ނިންމި ނަމަވެސް އެ ނިންމުމަށް އަމަލު ކުރަން ފެށޭނީ މަޖިލީހުގައި އެ ވޯޓް ނަގާ އިރު ތިއްބެވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، ރައީސާއި ހޯމް މިނިސްޓަރުގެ މައްޗަށް ނަގާ، އިތުބާރުގެ ވޯޓު ސިއްރު ކުރަން އަދި ނިންމާފައި ނުވާ ކަމަށެވެ.