ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލް ތަކުގައި މާދަމާއިން ފެށިގެން ސްޓިކާ ޖަހަން ނިންމާފައިވާ ނިންމުން ބަދަލުކޮށް އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސްޓިކާ ޖަހަން ޓްރާންސްޕޯޓް އެތޯރިޓީން ނިންމައިފި އެވެ.

މިއަދު ޓްރާންސްޕޯޓް އެތޯރިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެ އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒް ވިދާޅުވީ ސްޓިކާ ޖަހަން ފަށާ މުއްދަތު ފަސްކުރަން ނިންމީ ސްޓިކާ ޖެހުމުގެ ކުރިން އެކަމާއި ގުޅުންހުރި ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ފަހު އެކަން ފެށުމަށް ކަމަށެވެ. އަދި އެ މައުލޫމާތު މިހާތަނަށް ފޯރުކޮށްދެވިފައި ނުވަނީ ގިނަ ބަންދު ދުވަސްތަކެއް އައުމުން ކަމަށެވެ.

"ކުރިއަށް މިފެށޭ ހަފްތާގައިވެސް ބަންދު ދުވަހެއް އޮތުމާއެކު ޓްރާސްޕޯޓް އޮތޯރިޓީގެ ފަރާތުން ސްޓިކާ ޖެހުމުގައި އާންމުންނަށް ފޯރުކޮށްދޭން ބޭނުންވާ ބައެއް މައުލޫމާތު ފޯރިކޮށް ދިނުމުގައި ބައެއް ހުރަސްތައް އަޅުގަނޑުމެންނަށް ކުރިމަތިވެފައިވަނީ. އެހެންވީމައި އިތުރު ދެހަފްތާ އަޅުގަނޑުމެން ގަސްތުކުރަނީ މިކަމާ ގުޅިގެން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފޯރުކޮށްދޭން ބޭނުންވާ މައުލޫމާތު ފޯރުކޮށް ދިނުމަށް. މިގޮތުން މިހާރު އަލަށް ސްޓިކާ ޖަހަން އަޅުގަނޑުމެން ފަށަން ގަސްތު ކުރަނީ މި އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން،" ނާފިޒު ވިދާޅުވި އެވެ.

ސްޓިކާ ޖަހަން ފަށާ މުއްދަތު ކުއްލިގޮތަކަށް ފަސްކޮށްފައިމިވަނީ އެ މައްސަލައިގައި ހިތްހަމަ ނުޖެހިގެން ޓެކްސީ ޑްރައިވަރުންނާއި ޕިކަޕްޓްރައިވަރުން މާދަމާ ހަޅުތާޅެއް ނިންމާފައިވަނިކޮށެވެ.

ނާފިޒް ވިދާޅުވީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސްޓިކާ ޖަހަން ނިންމި ކަމުގައިވީ ނަމަވެސް ސްޓިކާ ނުޖަހާ ވަގުތު ތަކެއް ވެސް ދާނެ ކަމަށެވެ. އެގޮތުން ދަންވަރު ބާރަ އިން ފެށިގެން ހެނދުނު ހައެއް ޖަހަންދެއް ސްޓިކާ ނުޖަހާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްޓިކާ ޖަހަން ނިންމި ނިންމުން ދިފާއުކުރައްވާ ނާފިޒް ވިދާޅުވީ އެއީ އެ އޮތޯރިޓީގެ ނިންމުމެއް ނޫން ކަމަށާއި ސްޓިކާ ޖެހުމަށް ދަހު ނަގާ ޖޫރިމަނާ އަކީވެސް އެ އޮތޯރިޓިން ނިންމާފައި އަގުތަކެއް ނޫން ކަމަށެވެ. އެ ހުރިހާ ކަމަކީވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނަކުން ލާޒިމްކޮށްފައިވާ ކަމެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ސްޓިކާ ޖަހަން ނިންމީ ގަވާއިދާ ހިލާފަށް ޕާކްކުރުން ހުއްޓުވަން އެހެން ގޮތެއް ނެތިގެންކަމަށް ނާފިޒް ވިދާޅުވި އެވެ. އެ ނިންމުމަކީ ޓްރެފިކް ޕޮލިސްއާ މަޝްވަރާކުރުމަށް ފަހު ނިންމި ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ގަވާއިދާ ހިލާފަށް އެންމެގިނައިން ވެހިކަލް ޕާކް ކުރަނީ ސްކޫލްތަކާއި އޮފީސް އިމާރާތްތަކުގެ ކުރިމަތީގައި ކަމަށާއި އޭގެ ސަބަބުން ބޮޑަތި ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

"ބައެއް ސްކޫލް ތަކުގެ ދޮރާށިން ނުވަދެވޭ ގޮތައް ބައެއް ވެހިކަލްތައް ޕާކް ކޮށްފައި އެބަހުރޭ. ހަމައެހެންމެ ބަސްދަތުރު ކުރާ ރޫޓް ތަކުން ބަސް ސްޓޮޕް ތަކަށް ބަސް މަޑު ނުކުރެވޭ ގޮތަށް ބައެއް ތަންތާންގައި އެބަހުރި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައި. ހަމަ އެހެންމެ އާންމު ބައެއް ރައްޔިތުންގެ ގަރާޖު ތަކުގެ ކުރިމަތީގަ ޕާކު ކޮށްފައި ނުވަތަ ގަރާޖް ތެރޭގައި އޮންނަ ވެހިކަލް ގަރާޖުގެ ވެރިފަރާތުން ނެރެން ބޭނުންވާ ހިނދުގައި ނުނެރެވޭ ގޮތަށް ގަރާޖްތައް ކުރިމަތީގަ ވެސް އެބަހުރި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައި،" ނާފިޒް ވިދާޅުވި އެވެ.