ޗައިނާ ސަރުކާރުގެ ލޯން އެހީގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 1000 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކޮށްފި އެވެ.

ހުޅުމާލޭގައި އަލަށް އިމާރާތްކޮށްފައިވާ ފުލެޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުލެޓްތަކާ ސަރުކާރުން ހަވާލުވެ، އެ ފުލެޓްތައް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އަދި އެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި އެ މަޝްރޫގެ މަސައްކަތް ކުރި ޗައިނާގެ ކުންފުނި، ސީމެކް އިސްފަރާތްތަކުން ބައިވެރިވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ސަރުކާރުން މަސައްކަތްކުރަމުންދާތާ ދުވަސްތަކެއްވެއްޖެ ކަމަށާއި އެންމެ ފަހުން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް މިއަށް ވުރެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދިއުމަށް ސޮއިކޮށްފައިވާ ކަމަށެވެ.

"ހުޅުމާލެ އާއި މާލޭގައި ގެދޮރު އިމާރާތްކުރުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްއެބަދޭ. އެކަންތައްތައް ކުރިމުގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ، ނުވެސް ޖެހޭނަން. އެގޮތުން މިހާރު ކުރިއަށް އޮތް މަސައްކަތްތަކުގެ ތެރޭގައި ބޮޑު މަޝްރޫއުތަކުގެ އިތުރުން ތުރުކީ ކުންފުއްޏަކާ އެކު ވެސް ވަނީ އެއްބަސްވުމަކަށް އާދެވި ހުޅުމާލޭގައި އިތުރު 1100 ހައުސިން ޔުނިޓްއެޅުމަށް [އެއްްބަސްވެވިފައި]." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ފްލެޓްތަކަށް އެދިފައިވާ ފަރާތްތަކަށް ވަރަށް އުފާވެރި ހަބަރެއް ލިބިގެންދާނެ ކަމަށާއި އަވަސް މުސްތަގުބަލެއްގައި ފުލެޓްތައް ލިބޭ ފަރާތްތަކުގެ ނަންތައް އިއުލާން ކުރެވިގެންދާނެ ކަމަށެވެ. އަދި ރައީސްގެ ވާހަކާގައި ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން ޗައިނާގެ ސަރުކާރާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރެއްވި މަސައްކަތަކަށް ޝުކުރު އަދާކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިޒް ވިދާޅުވީ އެ ފްލެޓްތައް ދޫކުރުމަށް ނިންމާފައި ވަނީ ރައްޔިތުނަށް ވީހާ ވެސް އަގުހެޔޮކޮށް ފަސޭހައިން ފައިސާ ދެއްކޭނެ އަގެއްގައި ކަމަށާއި އަދި ފްލެޓްތައް ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ ފްލެޓްތަކާ އެކު ބޭނުންވާ އަސާސީ ބޭނުންތައް ފުއްދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 1000 ހައުސިން ޔުނިޓަކީ ޗައިނާ ސަރުކާރުގެ ލޯނެއްގެ އެހީގައި މީގެ ދެ އަހަރު ކުރިން އިމާރާތްކުރަން ފަށާފައިވާ ހައުސިން ޔުނިޓްތަކެކެވެ. އަދި އޭގެން ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި އާއި ދެ ފާހާނާގެ އިތުރުން ސިޓިން ރޫމެއް ހުރެ އެވެ.