އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އޮޑިޓާ ޖެނެރަލްގެ އޮފީހަށް 57.8 މިލިއަން ރުފިޔާ ކަނޑައަޅަން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.

ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ކަޑައަޅަން ޖެހެނީ މާލިއްޔަތު ކޮމެޓީއަށް ހުށަހަޅާ ފާސްކޮށްގެންނެވެ.

ކޮމެޓީން ފާސްކޮށްދިން، 57.8 މިލިއަން ރުފިޔާއަކީ އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ލަފާކޮށް މާލިއްޔަތު ކޮމެޓީއަށް ހުށަހެޅި ބަޖެޓެވެ. މާލިއްޔަތު ކޮމެޓީގެ މެންބަރަކު މިއަދު ވިދާޅުވީ އެ އޮފީހުން އެދުނު ގޮތައް އެ ބަޖެޓް އޮޑިޓް އޮފީހަށް ދިނުމަށް ފާސްކުރީ އެ އޮފީހުގެ މަސައްކަތްތަކަކީ މުހިންމު މަސައްކަތްތަކަކަށް ވާތީ ކަމަށެވެ. އަދި އޮޑިޓް އޮފީހުން އެދުނު އަދަދު އެ އޮފީހަށް ފާސްކޮށްދިނީ ކޮމެޓީގެ ސަބް ކޮމެޓީން ރަނގަޅަށް ދިރާސާ ކުރުމަށް ފަހު ކަމަށްވެސް ވިދާޅުވި އެވެ.

އަންނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅި ބަޖެޓަކީ މިއަހަރު އެ އޮފީހަށް ފާސްކޮށްދިން ބަޖެޓަށް ވުރެ 14 މިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ. އޮޑިޓް އޮފީހުގެ މިއަހަރުގެ ބަޖެޓަކީ 44.5 މިލިއަން ރުފިޔާ އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަހަރަށް ވުރެ ބޮޑުވަނީ އިތުރު 43 މުވައްޒަފަކު އެ އޮފީހަށް ބޭނުންވާތީ އެ މީހުން ރެކްރޫޓް ކުރުމަށް ކަމަށެވެ. އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ޖުމްލަ ބަޖެޓް 57.8 މިލިއަން ރުފިޔާއަށް އަރާއިރު 54 މިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. އަދި ބާކީ 3.8 މިލިއަން ރުފިޔާ ކަޑައަޅާފައިވަނީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ.