ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާ އަދާ ކުރާ މީހުންގެ އަތުން ޕެންޝަނަށް ފައިސާ ނެގުމަށް މަޖޫބޫރުނުކޮށް، ޕެންޝަނަށް ފައިސާ ނެގުން އިހްތިޔާރީ އެއްޗަކަށް ހެދުމަށް ހުށަހެޅި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ނިންމައިފި އެވެ.

ފެންޝަނާ ބެހޭ ގާނޫނަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު މިދިޔަ އަހަރު ހުށަހެޅި އިސްލާހު ކޮމެޓީން ދިރާސާކޮށް ނިންމާފައި ވަނީ ޕެންޝަނާ ބެހޭ ގާނޫނު މިހާރު އޮތީ ރަނގަޅަށް ކަމަށާއި މުއްތަލިބު ހުށަހެޅުއްވި އިސްލާހުތައް އެ ގާނޫނަށް ގެންނަން ނުފެންނަ ކަމަށެވެ. އަދި އެ ގޮތަށް ކޮމެޓީން ނިންމާފައި ވަނީ ތަފާތު އެކި މުއައްސަސާތަކާ މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް އެ ކޮމެޓީން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވެ އެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްވެއްޖެ ނަމަ ޕެންޝަން ސުކީމަށް އައިސްދާނެ ބަދަލުތަކާ ބެހޭ ގޮތުން އެޓާނީ ޖެނަރަލްގެ އޮފީހާއި ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި މޯލްޑިވްސް ނެޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާ ކޮމެޓީން ވަނީ މަޝްވަރާކޮށްފައިވެ އެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް މުއްދަލިބު ހުށަހެޅުއްވި އިސްލާހުގައި ބުނަނީ ޕެންޝަން ސްކީމްގައި ބައިވެރިވެވޭނީ މުވައްޒަފުންގެ ރުހުމާއެކުގައި ކަމަށެވެ. ނަމަވެސް މިހާރު ގާނޫނުގައި ބުނެފައިވާ ގޮތުން ޕެންޝަން ސުކީމްގައި ބައިވެރިވުމަކީ މަޖުބޫރު ކަމެކެވެ.

ފެންޝަން ވޭޖްގެ ގޮތުގައި ޕެންޝަން އޮފީހަށް ދައްކަންޖެހޭނީ މުސާރައިގެ 3.5 ޕަސެންޓް ކަމަށް ވެސް އިސްލާހުގައިވެ އެވެ. ނަމަވެސް މިހާރު އަމަލު ކުރަމުންދާ ގާނޫނުގެ ދަށުން ޕެންޝަން ވޭޖްގެ ގޮތުގައި މުވައްޒަފުންގެ ވަޒީފާ އަދާ ކުރާ ތަނުން ކޮންމެ މުވައްޒަފެއްގެ މައްޗަށް ދައްކަންޖެހެނީ މުސާރައިގެ ހަތް ޕަސެންޓެވެ.

މުއްތަލިބު ހުށަހެޅި އެ އިސްލާހުތައް ފާސް ކުރަން ނުފެންނަ ކަމަށް ނިންމައި ކޮމެޓީން މިހާރު ވަނީ އެ މައްސަލައިގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފަ އެވެ.