އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ)ގެ ޑިރެކްޓަ ޖެނެރަލް ކަމުން ޑޭވިޑް ޕެޓްރިއޮސް އިސްތިއުފާ ދެއްވީ އޭނާ ހިންގެވި ލޯބީގެ ނަހަމަ ގުޅުމެއްގެ ކަންތައް ފަޅާ އެރުމުންނެވެ.

ނަމަވެސް ޕެޓްރިއޮސްގެ ލޯބީގެ ގުޅުން ފަޅާ އެރީ އެއަށް ވުރެ ސީރިއަސް މައްސަލައެއް ބެލުމުގެ ތެރޭގައި ކަން މިހާރު ވަނީ އެނގިފަ އެވެ. އެމެރިކާގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ކެނެޑާގެ ދަ ގްލޯބް އެންޑް މެއިލް ނޫހުން ބުނީ ޕެޓްރިއާސްގެ ލޯބީގެ ކުޅިގަނޑު ފަޅާ އެރީ އޭނާއާ ގާތްގުޅުމެއް އޮންނަ އަންހެނަކަށް އައި ބިރުދެއްކުމުގެ އީމެއިލްތަކެއްގެ މައްސަލައެއް ތަހުގީގުކުރަން ފެށުމުން ކަމަށެވެ.

އެމެރިކާގެ އޮފިޝަލުން އިއްޔެ ބުނެފައިވާ ގޮތުގައި ޕެޓްރިއޮސްއާ ގާތްކަން އޮންނަ އެ އަންހެން މީހާ އަށް ބިރުގެންނެވުމުގެ މެއިލްތައް ފޮނުވީ ޕެޓްރިއޮސް އެމީހަކާ އެކު ލޯބީގެ ގުޅުން ބޭއްވެވި ޕައުލާ ބްރޯޑްވެލް ކަމަށެވެ. އަދި ބްރޯޑްވެލްގެ ބިރުދެއްކުން އިތުރުވުމުގެ ސަބަބުން ނަން ހާމަ ނުކުރާ އެ އަންހެން މީހާ އެމެރިކާގެ އެފްބީއައިގެ އެހީތެރިކަމަށް އެދުނު ކަމަށާއި އެކަމާ ގުޅިގެން ކުރި ތަހުގީގުން އެނގުނީ ބްރޯޑްވެލް އާއި ޕެޓްރޮއިސްގެ މެދުގައި ލޯބީގެ ގުޅުމެއް އޮތްކަން ކަމަށެވެ.

އަދި ބްރޯޑްވެލް އެ އަންހެން މީހާ އަށް ބިރުދެއްކުމުވެ މެއިލްތައް ފޮނުވީ ޕެޓްރޮއިސް އާއި އޭނާއާ ދެމެދު އޮތް ގުޅުމަށް އޭނާގެ ސަބަބުން ހުރަސް އެޅޭ ކަމަށް ގަބޫލުކުރެވިގެން ކަން ތަހުގީގުން އެނގުނެވެ.

އެހާ ހިސާބުން އެކަމުގެ ތެރޭގައި އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާ ވާފަދަ ކަމެއް އޮތްތޯ ވެސް ތަހުގީގުކުރި އެވެ. ނަމަވެސް އެތަހުގީގުން ޔަގީންވީ އެފަދަ ނުރައްކަލެއް ނެތް ކަމަށެވެ. އެހެންވެ ޕެޓްރޮއިސްގެ ކަންތައް ނިންމަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓަށް ދަތި ކަމަކަށްވި ކަމަށާއި އެކަން ނެޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރު ޖޭމްސް ކްލެޕާގެ ސަމާލުކަމަށް ފޮނުވި ގެނައި ކަމަށް ވެސް އެނޫހުގައިވެ އެވެ. ޕެޓްރޮއިސް އިސްތިއުފާދެއްވުމަށް ލަފާ ދެއްވީ ކްލެޕާ އެވެ.

އެމެރިކާގެ މިލިޓްރީ އެކަޑަމީން ތައުލީމު ހާސިލުކޮށްފައިވާ އަދި އެމެރިކާގެ އާމީ ރިޒާވް އޮފިސަރެއްގެ ގޮތުގައި ހުރި އުމުރުން 40 އަހަރުގެ ބްރޯޑްވެލް އަކީ ޕެޓްރޮއިސްގެ ބަޔޮގްރަފީ ލިއަން ހަވާލުކޮށްފައިވާ ފަރާތެވެ.

ހަތަރު ތަރިއާ އެކު ރިޓަޔާކުރައްވާފައިވާ އެމެރިކާގެ ކުރީގެ ޖެނެރަލް ޕެޓްރޮއިސްއަކީ އިރާގާއި އަފްޣާނިސްތާނާ ދެކޮޅަށް ހަނގުރާމަފެށި އިރު އެމެރިކާ ސިފައިންގެ ކޮމާންޑަރަކަށް ހުންނެވި ބޭފުޅެކެވެ.