މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރުގެ އަތުން މިނިވަން ކުރުމަށް ގޮވާލައި ޝުއޫރު ފާޅުކުރުމަށް "ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުން" ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި އިންޑިއަން ހައިކޮމިޝަނަރު ޑީއެމް މުލޭ އާ ބެހޭ ގޮތުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ސަރުކާރުގެ އިސް ތަރުޖަމާނު އައްބާސް އާދިލް ރިޒާ ދެއްކެވި ވާހަކަފުޅު ޖުމްހޫރީ ޕާޓީން ވެސް ކުށްވެރިކޮށް، އެ ވާހަކަތަކުން ބަރިއްޔަވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސޮއި ކުރައްވައި މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ހައިކޮމިޝަނަރު ޑީއެމް މުލޭ އަށް ނިސްބަތް ކުރައްވައި އައްބާސް އެ ދެއްކެވި ވާހަކަފުޅަކީ އެ ޕާޓީގެ އެއްވެސް ގުނަވަނަކުން ފާސްކޮށްގެން ދެއްކެވި ވާހަކަފުޅެއްނޫން ކަމަށެވެ. އަދި އެ ވާހަކަފުޅަކީ އެފަދަ ޑިޕްލޮމެޓިކް ބޭފުޅުންނަށް އަމާޒުކޮށް ދެއްކޭނެ ވާހަކަފުޅެއް ނޫން ކަމަށާއި އެހެނީ އެ ވާހަކަފުޅަކީ ބައިނަލްއަގްވާމީ ޑިޕްލޮމަސީގެ މިންގަނޑާ ވެސް ޚިލާފު ވާހަކަފުޅެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށް ބުނެފައިވެ އެވެ.

"އިންޑިއާގެ ހައިކޮމިޝަނަރު ޑީއެމް މުލޭ އަށް މުޚާތަބުކޮށް އައްބާސް އެ ދެއްކެވި ވާހަކައަކީ މި ޕާޓީގެ އެއްވެސް ގުނަވަނަކުން ފާސް ކޮށްގެން ދެއްކި ވާހަކައެއް ނޫން. އެ ވާހަކައަކީ އެފަދަ ޑިޕްލޮމެޓިކް ބޭފުޅުންނަށް އަމާޒުކޮށްގެން ދެއްކޭނެ ވާހަކަ އެއްނޫން. އެހެންވީމާ މި ޕާޓީ އިން އެކަމާ ހިތާމަކޮށް އަދި އެ ވާހަކަ ކުށްވެރި ކުރަން،" ބަޔާނުގައިވެ އެވެ.

މިދިޔަ ހުކުރު ދުވަހު ރޭ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ޖީއެމްއާރު މައްސަލައިގައި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ހައިކޮމިޝަނަރު ޑީއެމް މުލޭ ވެސް ހުރީ ރިޝްވަތު ހިފައިގެން ކަމަށާއި ޖީއެމްއާރާ އެކު މުލޭ ވެސް ރާއްޖެ އިން ބޭރުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މުލޭ އަށް އުޅެނީ އަސްލު މަގާމު އޮޅިގެން ކަމަށާއި ރާއްޖެ އަށް ބިރު ދައްކައި ޖަރީމާ ހިންގަން ދެން މުލޭ އަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.

އައްބާސް އެ ޖަލްސާގައި ދެއްކެވި ވާހަކައާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އައްބާސް ދެއްކެވި ވާހަކަތަކަކީ ސަރުކާރުން ޒިންމާވާން ޖެހޭނެ ވާހަކަތަކެއް ނޫން ކަމަށެވެ.