ޗެކް ބައުންސުވުމަކީ ކުށެއް ނަމަވެސް އެއީ ދެ ފަރާތެއް ފައިސާގެ މުއާމަލާތް ހިންގިކަން ސާބިތިކޮށްދޭނެ ކަމެއް ނޫން ކަމަށް ނިންމައި ދޯނި ސާވިސްގެ ވެރިޔާ އަލީ މޫސާގެ ފަރާތުން  ފައިސާ ނަގައިދޭން ހުކުމް ކުރާނެ ތަނެއް ނެތް ކަމަށް މަދަނީ ކޯޓުން ހުކުމް ކޮށްފި އެވެ.


ދޯނި ސާވިސްގެ ވެރިޔާގެ މައްޗަށް މީހަކު އުފުލި ދައުވާއެއްގެ ޝަރީއަތަށް ފަހު މަދަނީ ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު އިއްޔެ އިއްވެވި ހުކުމުގައި ބުނަނީ ދޯނި ސާވިސްގެ ވެރިޔާ އަލީ މޫސާއާ ދެކޮޅަށް މއ. މާފޮޅޭގޭ އާސިޔަތު ނިޒާރު ދައުވާ ކޮށްފައިވާ ކަމަށެވެ.


އަލީ މޫސާގެ މައްޗަށް ދައުވާ ލިބޭ 12 މައްސަލައެއް މަދަނީ ކޯޓުގައި މިހާރު ވެސް އެބައޮތެވެ. އެ ދައުވާތަކާ ގުޅޭ މުއާމަލާތްތަކުގައި ހިމެނޭ ފައިސާގެ އަދަދު 53 މިލިޔަނަށްވުރެ  ބޮޑެވެ.


ނިހާޔަތުގެ ހުކުމުގައި ބުނަނީ ދޯނި ސާވިސްގެ ނަމުގައި ޖުމްލަ 20 ޗެކަކުން އަލީ މޫސާ އޭނާ އަށް ދޫކޮށްފައިވާ 616900ރ. ބައުންސް ވިކަން ޝަރީއަތަށް ހުށަހެޅި ލިޔުންތަކުން އެނގޭ ކަމަށެވެ. ނަމަވެސް ޗެކަކީ އޭގެ ޒާތުގައި ހާދިސާ ސާބިތުކޮށްދޭ ހެއްކަކަށް ނުވާތީ ހާދިސާ ސާބިތު ނުކޮށްދޭ ހެއްކަކުން މައްސަލަ ސާބިތު ކުރެވޭނީ އެ ހާދިސާއެއް ސާބިތުވުމުން ކަމަށެވެ.


ނިހާތަތު އިއްވެވި ހުކުމުގައި ބުނަނީ "ހާދިސާ ސާބިތުވާން ނެތި ބައުންސްވެފައިވާ ޗެކެއް އޮތުމަކީ އޭގެ އަސްލުން މަދަނީ ހައްގެއް އުފެދޭނެ ކަމެއް ކަމުގައި ނުވާތީ އާއި ދައުވާ ސާބިތު ކުރުމަކީ ދައުވާ ކުރާ ފަރާތުން ކުރަން ޖެހޭ ކަމަކަށް ވެފައި ދައުވާގައި އަލީ މޫސާގެ ފަރާތުން  ހޯދަން އެދިފައިވާ 616900ރ. އަލީ މޫސާގެ ފަރާތުން  އާސިޔާތު ނިޒަރަށް ދޭން ޖެހޭ ސަބަބު ނުވަތަ މި ކަމުގެ ހާދިސާ އާސިޔަތު ނިޒާރަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީ ދައުވާގައި އެދިފައިވާ ފައިސާ އަލީ މޫސާގެ ކިބައިން ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ހުކުމް ކޮށްފިން " ކަމަށެވެ.