ހޮސްޕިޓަލްތަކާއި ހެލެތް ސެންޓަރުތައް ހިންގަން ކުރީ ސަރުކާރުން އުފެއްދި ހެލްތު ސާވިސް ކޯޕަރޭޝަންތަކުގެ ދަށުގައި ތިބި ހުރިހާ މުވައްޒަފުން ސިވިލް ސާވިސް މުވައްޒަގުންގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހެލެތު ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުން ސިވިލްސާވިސްގެ ދަށަށް ބަދަލުކުރީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. އެއާ އެކު ހަމަޖައްސަން ޖެހޭ މުސާރައިގެ ކަންތައްތަކާއި އެހެނިހެން އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސީއެސްސީގެ އޮނިގަނޑަށް މުސާރަތައް ފެއްތުމާއި މިކަންކަން މިހާރު ވެސް ހިނގަމުންދޭ. އަދި މުވައްޒަފުންގެ މަގާމުތައް ކަނޑައެޅުން ފަދަ ކަންތައްތައް ވެސް އެ އޮނިގަނޑަށް ފެއްތުމުގެ ކަންތައްތައް ވެސް އެބަދޭ، ނަމަވެސް އެކަމުގައި އަދި މުޅިން ގޮތްތަކެއް ނުނިންމޭ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުވައްޒަފުން ސިވިލްސާވިސްގެ ދަށަށް ބަދަލުކުރި ނަމަވެސް ހެލްތު ކޯޕަރޭޝަންތައް އަދި އުވާނުލާ ކަމަށާއި އެކަންވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން ދަރަނިތައް ބަލައި ހަލާސްކުރުމާއި އެސެޓް ޓްރާސްފާގެ ކަންކަން ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

"އެކަންކަން ނިމުނީމާ އެ ކުންފުނިތައް ވެސް އުވާލާނަން،" އޮފިޝަލް ވިދާޅުވި އެވެ.

މި ސަރުކާރުން ނިންމާފައި ވަނީ ހެލެތު ކޯޕަރޭޝަންތަކުގެ ސަބަބުން ސިއްހީ ދާއިރާއަށް ފަސޭހައެއް ނެތުމުން އެތަންތަން އުވާލުމަށެވެ. އަދި އެކަމަށް ކެބިނެޓުން ވެސް ވަނީ ތާއީދު ލިބިފަ އެވެ.