11 Nov 2012, 14:00
ސިއްރު ލޯބީގެ ގުޅުމެއް ހިންގަން ފެށުމުން، މީހެއްގެ އާއިލާ ރޫޅުމާއި ވަޒީފާ އަށް ބުރޫ އެރުމަކީ އެންމެން ދަންނަ ހަގީގަތެކެވެ. ނަމަވެސް ވަރަށް ސިއްރުން ކުރާ އެފަދަ ނުބައި ކަމެއްގެ އަސަރު ދިރިއުޅުމަށް އެހާ ބޮޑަށް ކުރަނީ ކީއްވެތޯ ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދޭނެ އެވެ.
ލޯބީގެ ކުޅިގަނޑެއްގައި އުޅޭ މީހުންނަށް ކަންތައްތައް ނިންމަން ދަތިވުމާއި އެމީހުންގެ ހުންނަ ނުތަވަނަސްކަމުގެ ހަގީގަތް ޑޮކްޓަރުން މިހާރު ވަނީ ހޯދައި ހާމަކުރަން ފަށައިފަ އެވެ.
ލޯބިވުމުން ސިކުނޑިއަށް އަންނަ ބަދަލުތައް ބެލޭނެ މަގު މިޒަމާނުގެ ސްކޭންކުރުމުގެ ޓެކްނޮލޮޖީގެ ސަބަބުން ޑޮކްޓަރުންނަށް ވަނީ ފަހިވެފަ އެވެ. ލޯބީގެ ކަންތައްތަކުގައި މީހުން އުޅޭ އިރު އެމީހުންގެ ސިކުނޑިއަށް އަންނަ ކެމިކަލް ބަދަލުތައް ޑޮކްޓަރުން ދިރާސާކުރި އެވެ. އެފަދަ ވަގުތުތަކުގައި ހަރަކާތްތެރިވަނީ ސިކުނޑީގެ ކޮން ކޮން ބައިތަކެއްތޯ އެމީހުން ބެލި އެވެ. އެމީހުން ހޯދި އެންމެ މުހިއްމު އެއް މައުލޫމާތަކީ، ލޯބީގައި މަސައްކަތް ހުއްޓި ދަނީ ސިކުނޑީގެ ކޮންބައިތަކެއް ކަން ދެނެގަތުމުގެ މައުލޫމާތެވެ.
އިނގިރޭސިވިލާތުގެ ޔުނިވަސިޓީ ކޮލެޖް ލަންޑަންގެ ދިރާސާކުރާ މީހުން ހޯދި ހޯދުމުން އެނގޭ ގޮތުގައި ނިންމުންތައް ނިންމުމާއި ފާޑުކިއުން ފަދަ ކަންތައްތަކާ ވިސްނުމުގެ މަސައްކަތް ކުރާ ސިކުނޑީގެ ބައި ލޯބީގެ ވަގުތުގައި މުޅިން ހުއްޓެ އެވެ.
"އެމީހަކާ މެދު ވަރުގަދަ އިހުސާސްތަކެއް ކުރެވޭ މީހަކު ފެނުމުން ސިކުނޑީގެ ގިނަ ބައިތަކެއްގެ ފެށޭ، ނަމަވެސް ގިނަ ބައިތަކެއްގެ މަސައްކަތް (ވަގުތީގޮތުން) ހުއްޓޭ، އޭގެ ތެރޭގައި ނިންމުންތައް ނިންމުމާ ބެހޭ ބައި ވެސް ހިމެނޭ،" ޔުނިވަސިޓީ ކޮލެޖްގެ ޕްރޮފެސަރް އޮފް ނިއުރޯ އެސްތެޓިކްސް ސެމިރް ޒެކީ ވިދާޅުވި ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީ މެއިލްގައިވެ އެވެ.
ސިކުނޑީގެ އެމްއާރުއައި ސްކޭން ބޭނުންކޮށްގެން ކުރި އެ ދިރާސާ އިން އެނގިފައިވާ ގޮތުގައި ނެގެޓިވް އިހުސާސްތަކާއި ބިރުގަތުން ފަދަ ކަންތައްތައް ހިނގާ ބައިތައް ވެސް ލޯބީގެ ސަބަބުން ހުއްޓެ އެވެ.
ލޯބީގައި މީހުން އުފާވުމާއި ބިރުނުގަތުމުގެ ސަބަބު އެހެންކަމުން މިވަނީ ހާމަވެފަ އެވެ.
ސިކުނޑީގައިވާ ކެމިކަލެއް ކަމަށްވާ ޑޮޕަމިންގެ މިންވަރު ލޯބިވުމުން މަތިވާކަން ވެސް އެ ދިރާސާ އިން ވަނީ އެނގިފަ އެވެ. އެއީ އަރާމާއި ތަދާއި ދެވިހިފުން ފަދަ ކަންތައްތަކަށް ބޭނުންވާ ކެމިކަލް އެވެ. ލޯބީގައި ގޮތްދޫކުރަން މީހުން ބޭނުން ނުވަނީ މިކެމިކަލްގެ މިންވަރު މަތިވާތީކަން އެގޮތުން އެނގެ އެވެ.
ދިރާސާތަކުން އެނގިފައިވާ ގޮތުގައި ކޮކެއިން ފަދަ ޑްރަގްތައް ބޭނުންކުރުމުން ވެސް ޑޮޕަމިންގެ މިންވަރު މަތިވެ އެވެ.
ޑޮޕަމިންގެ މިންވަރު މަތިވުމުން އެހެން ކެމިކަލެއް ކަމަށްވާ ސެރެޓޮޓޮނިންގެ މިންވަރު ދަށަށްދެ އެވެ. އެއީ މޫޑާއި ކާހިތްވުން ފަދަ ކަންކަމާ ގުޅިފައިވާ ހޯމޯންއެކެވެ.
ލޯބީގައި މީހުން މޮޔަވެ، އޭނާގެ އެހެން ހުރިހާ ކަމަކަށް ގެއްލުން ވިޔަސް އަޅާ ނުލާ ސަބަބު ހޯދުމަށް ސައިކޮލޮޖިސްޓުން އައީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އިނގިރޭސިންގެ މިދިރާސާ އިން ވަނީ އެކަމަށް ކޮންމެވެސް ވަރެއްގެ އައްޔެއް އެޅިފަ އެވެ.