މެކްސިކޯގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ ރެއާލް ސޮސިއެދާދްގެ ކާލޮސް ވެލާ ކަމަށް މެކްސިކޯގެ ކުރީގެ ފުޓްބޯޅަ ތަރި ހޫގޯ ސަންޗޭޒް ބުނެފި އެވެ.

މެކްސިކޯ ގައުމީ ޓީމުން މިހާރު އެންމެ ވިދަމުންދާ ދެ ކުޅުންތެރިންނަކީ މެންޗެސްޓާ ޔުނައިޓެޑްގެ ހާވިއާ ހެނާންޑޭޒް (ޗިޗާރިޓޯ) އާއި މަލޯކާގެ ޖިއޮވާނީ ޑޮސް ސަންޓޯސް އެވެ. ނަމަވެސް މެކްސިކޯގެ ޕަޗޫޗާގެ ކޯޗް ސަންޗޭޒްގެ ނަޒަރުގައި ހެނާންޑޭޒް އާއި ޑޮސް ސަންޓޯސް އަށް ވުރެ ވެލާ މޮޅުވެ.

"ކާލޮސް ވެލާ އަކީ ހުނަރުވެރި އަދި ފެންވަރު ހުރި މޮޅު ކުޅުންތެރިއެއް. ވެލާ އަކީ ޗިޗާރިޓޯ އާއި އަޅާ ބަލާއިރު މުޅިން ތަފާތު ކުޅުންތެރި އެއް. މެކްސިކޯގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެލާ. ވެލާ އަކީ ބުރަ މަސައްކަތްކުރާ ތަޖުރިބާކާރު ކުޅުންތެރިއެއް." ސަންޗޭޒް ބުންޏެވެ.

ވެލާގެ ފުޓްބޯޅަ ކެރިޔަރު ފެށީ މެކްސިކޯގެ ގުއަޑަލަޖަރާގެ ޒުވާން ޓީމުންނެވެ. އެ ޓީމަށް ކުޅުމަށް ފަހު، އޭނާގެ ސީނިއާ ކެރިޔަރު ފެށީ އާސެނަލްއިން ނެވެ. ނަމަވެސް އާސެނަލްއިން އޭނާ އަށް މާ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެ އެވެ. އާސެނަަލްގައި ހުރެ ލޯންގެ ދަށުން ވެލާ ވަނީ ތަފާތު ގިނަ ކްލަބުތަކަކަށް ކުޅެފަ އެވެ. ރެއާލް ސޮސިއެދާދް އަށް ވެލާ ގުޅުނީ މިއަހަރު އެވެ.