މި އަހަރުގެ ޖުލައި މަހުގެތެރޭގައި ކ. ކާށިދޫގައި ޑިއުޓީ އަށް ދަނިކޮށް ވަޅިޔަކުން ހަމަލާދީ ފުލުހެއް މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ސަމާހުގެ ވައްކަމުގެ އިތުރު މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރަން އަނެއްކާ ޕިޖީ އަށް ފޮނުވައިފި އެވެ.

ފުލުހުން ބުނެފައި ވަނީ ކާށިދޫ ސުވާސާގެ، މުހައްމަދު ސަމާހު، 22، އެ ރަށު ފިހާރައަކުން މި އަހަރުގެ އޭޕްރީލް 19 ވަނަ ދުވަހު ކޮލޯން ފުޅިއެއް ވަގަށް ނެގި މައްސަލައެއްގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

ސަމާހުގެ އިތުރު އެހެން މައްސަލައެއް ވެސް ވަނީ މީގެ ކުރިން ޕީޖީއަށް ފޮނުވާފަ އެވެ. އެއީ މި އަހަރުގެ މެއި މަހުގެ ހަތަރު ވަނަ ދުވަހު ކާށިދޫ ލިލީމާގެ އަށް ވަދެ މާރާމާރީ ހިންގައި ވައްކަންކުރަން އުޅުނު މައްސަލައެއް ކަމަށް ފުލުހުން ބުނެ އެވެ.

ސަމާހުގެ ވައްކަމުގެ ދެ މައްސަލައެއްގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވާ އިރު އޭނާ މިހާރު ވެސް ވަނީ ފުލުހުންގެ ބެލުމުގެދަށުގަ އެވެ. ޕޮލިސް ލާންންސް ކޯޕްރަލް އާދަމް ހަލީމް (އެޑަމް) މަރާލި މައްސަލައިގެ ޝަރީއަތް މިހާރު ވެސް ދަނީ ކްރިމިނަލް ކޯޓުގައި ކުރިއަށެވެ.

އޭނާ އެޑަމް އަށް ވަޅިން ހަމަލާދީ މަރާލާފައި ވަނީ ސަމާހު ގޭ ބަންދުކޮށްފައި ހުއްޓައި ބޭރަށް ނުކުމެ އުޅެނިކޮށް އާދަމް ހަލީމަށް ފެނިގެން އޭނާއާ އެކު ޕޮލިސް ސްޓޭޝަނަށް ދިއުމަށް އެދުމުންނެވެ. އަދި ސަމާހު އެވަގު ހުރީ މަސްތުވެގެން ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެ އެވެ.