11 Nov 2012, 13:48
ގދ. އަތޮޅު ކައުންސިލުން 61 ފަޅުރަށެއް ވަރުވާ އުސޫލުން ދޫކުރަން އިއުލާންކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެންގުމުން ވެސް އެކަމަށް ތަބާވެފައި ނުވާތީ އެ ރަށްތައް ކައުންސިލުން ވަކިކޮށް ފިޝަރީޒް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ސޯލިހު މިއަދު ވިދާޅުވީ އެ ރަށްތައް ފިޝަރީޒް މިނިސްޓްރީއާ ވާހަކަ ދައްކައިގެން އަލުން އިއުލާން ކުރުމަށް އޭސީސީ އިން އެންގި އެންގުމަށް ކައުންސިލުން ތަބާނުވުމުން އެ ރަށްތައް އެ ކައުންސިލުން ވަކިކުރުމަށް އޭސީސީން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށާއި އެ އެންގުމާ އެއްގޮތަށް އެކަން އެ ކައުންސިލަށް މިދިޔަ ބުރާސްފަތި ދުވަހު އަންގާފައިވާނެ ކަމަށެވެ.
"އެ ރަށްތައް އިއުލާންކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް އޭސީސީން އަޅުގަނޑުމެންނަށް ވެސް އަދި ކައުންސިލަށް ވެސް އަންގައި އަލުން އިއުލާން ކުރުމަށް ވެސް އެންގި ނަމަވެސް އެބޭފުޅުން އެކަމަށް އަޅައި ނުލެއްވީމާ އޭސީސީން އެންގީ އެރަށްތައް ނަގަން. އެހެންވެ އެ އެންގުން އަންގާފައި އޮންނާނީ،" އަލީ ސޯލިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ރަށްތައް މިނިސްޓްރީ އަށް ބަދަލުކުރި ނަމަވެސް އެ ކައުންސިލާއި މިނިސްޓްރީ ވާހަކަ ދައްކައިގެން އެ ރަށްތައް ވަރުވާގެ އުސޫލުން ދޫކުރުމަށް އަދިވެސް މަސައްކަތް ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ކަނޑުވާލުމަށް އެ މިނިސްޓްރީން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ.
"އެކަން ރަނގަޅަށް ގަވާއިދާ އެއްގޮތައް ކުރާ ކައުންސިލްތަކަށް ފުރުސަތު އޮންނާނެ މިހާރު ވެސް ވަރުވާގެ އުސޫލުން ރަށްތައް ދޫކުރުމަށް. އަޅުގަނޑުމެން އެކަމަކަށް ހުރަހެއް ނާޅާނަން،" އަލީ ސޯލިހް ވިދާޅުވި އެވެ.
ކައުންސިލްތަކަށް ފަޅުރައްތައް ދޫކޮށްފައި ހުރީ ވަގުތީ ގޮތުންކަން ފާހަގަ ކުރައްވަމުން އަލީ ސޯލިހު ވިދާޅުވީ ކައުންސިލްތަކުން ރަށްތައް ވަރުވާގެ އުސޫލުން ދޫކުރާ އިރު މިނިސްޓްރީއާ މަޝްވަރާކޮށް މިނިސްޓްރީ އަށް އެނގިގެން އެކަން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"އެއީ ބައެއް ރަށްރަށް އެބަހުރޭ އެކި ބޭނުންތަކަށް ނެގިފައި ވެސް. އެހެން ހުންނައިރު ކައުންސިލްތަކުން އަޅުގަނޑުމެންނާ މަޝްވަރާކޮށްގެން އެކަން ކުރުން މުހިންމީ. އެހެންނޫނީ އަޅުގަނޑުމެންނަށް ޒިންމާއެއް ނުނެގޭނެ،" އަލީ ސޯލިހް ވިދާޅުވި އެވެ.
ކައުންސިލްތަކާއި ފަޅު ރަށްތައް ހަވާލުކޮށްފައި ވަނީ ވަގުތީ ގޮތުން ބެލެހެއްޓުމަށެވެ. ކައުންސިލްތަކުން ދޫކުރާ ރަށްރަށުގައި އިންވެސްޓްނުކުރުމަށް ވެސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.