މޮޓޯ ޖީޕީގައި އިޓަލީގެ ސައިކަލް ދުއްވުންތެރިޔާ ވެލެންޓީނޯ ރޮސީ ހަދާފައިވާ ލެޕް ރެކޯޑް، ސްޕެއިންގެ ސައިކަލު ދުއްވުންތެރިޔާ ޑަނީ ޕެޑްރޯސާ އާކޮށްފި އެވެ.

ސައިކަލު އުފައްދާ މަޝްހޫރު ކުންފުނި ހޮންޑާ ތަމްސީލުކުރާ އެއް ސައިކަލް ރޭސް ޖެހުންތެރިއެއް ކަމަށްވާ ޕެޑްރޯސާ، ރެކޯޑް އާކުރީ މިދިޔަ ހޮނިހިރު ދުވަހު ވެލެންސިއާގައި ޖެހި ރޭހުގެ ރިކާޑޯ ޓޯމޯ ސާކިޓްގަ އެވެ. ޕެޑްރޯސާ ރެކޯޑް އާކުރި ލެޕް ނިންމީ އެއް މިނެޓާއި 30.844 ސިކުންތުންނެވެ.

ރެކޯޑް އާކުރި ލެޕްގައި ޕެޑްރޯސާގެ އެންމެ ރަނގަޅު ދެއްކޭތޯ ބެލިކަމުގައި އޭނާ ބުނެފައިވެ އެވެ.

"އެއީ އަހަރެން އެންމެ ރަނގަޅު ލެޕް. އަހަރެން ބެލީ ސަތޭކަ އިންސައްތަ ދެއްކޭތޯ. އެ ރެކޯޑް ވަރަށް ރަނގަޅު ކުރެވޭތޯ ބެލިން. އޭރު ޓަޔަރުތައް ހުރީ ރަނގަޅު ހާލަތެއްގައެއް ނޫން." މި އަހަރުގެ މޮޓޯ ޖީޕީ ޗެމްޕިއަންޝިޕްގެ ދެވަނާގައި އޮތް ޕެޑްރޯސާ ބުންޏެވެ.

މޮޓޯ ޖީޕީ ޗެމްޕިއަންޝިޕްގެ އެންމެ ފަހު ރޭސް އޮތީ މާދަމާ އެވެ. މި ރޭސް ޖަހަން ހަމަޖެހިފައި ވަނީ ސްޕެއިންގެ ވެލެންސިއާ އަށެވެ. މިވަގުތު އެއްވަނާގައި އޮތީ ސްޕެއިންގެ ޖޯޖް ލޮރެންޒޯ އެވެ. ޕެޑްރޯސާގެ ފަހަތުން ތިންވަނާގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ކޭސީ ސްޓޯނާ އެވެ.