11 Nov 2012, 13:35
މަގު ހުރަސްކުރަން އުޅުނު އަންހެނެއްގެ ގައިގައި ސައިކަލަކުން ޖައްސާފައި ފިލި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދޔަ ހުކުރު ދުވަހުގެ ރޭ 11:30 އެހާކަންހާއިރު، ގަލޮޅު ކޮއިމަލާ ހިނގުމުގައި ހުންނަ، މާލޭ މެޑިކަލްސް ކުރިމަތީ ހިނގި އެ ހާދިސާގައި މަގުހުރަސް ކުރަން އުޅުނު 57 އަހަރުގެ މީހާގެ ވައަތުފައިގެ ތިން ތަނަކުން ބިނދި، ބޮލުގެ ފުއްކިބައިން ފަޅައިގެން ގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އަންހެން މީހާގެ ގައިގައި ސައިކަލުން ޖައްސައި ފިލާފައިވަނިކޮށް ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ފިރިހެނެއް ކަމަށެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ ލާސާނީގެ ހަސަން ހަނީފް އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ރޭ 8:30 ހާއިރު ކަމަށެވެ. އަދި އޭނާ ދުއްވި ސައިކަލު ހޯދާފައި ވަނީ މިލިއަން ބުކްޝޮޕްކައިރީ ޕާކްކޮށްފައި ހުއްޓައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އަދި ބުނީ އެ އެކްސިޑެންޓް ހިނގި އިރު ސައިކަލް ދުއްވަން އިންމީހާއަކީ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށެވެ. އަދި އޭނާ އަކީ މަސްތުވާތަކެއްޗާއި ވައްކަމާއި މާރާމާރީގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.