11 Nov 2012, 13:07
ކުޑަ އަގެއް ދީގެން ހައްޖަށް ދެވޭނެ ނިޒާމެއް ގާއިމު ކުރުމަށް "ދިވެހި ރައްޔިތުންގެ ހައްޖު ފަންޑު" ނަމުގައި ގައުމީ މުއައްސަސާއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ "ރައްޔިތުންގެ ހައްޖު ފަންޑު"ގެ ނަމުގައި އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާގެ ބޭނުމަކީ މަދު ފައިސާ ދައްކައިގެން އެ ފައިސާ އިންވެސްޓް ކުރުމަށް ފަހު ފައިސާ ދެއްކި މީހުން ހައްޖަށް ފޮނުވުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ފައިސާ އިންވެސްޓްކުރާ ތަނެއްގެ ގޮތުގައި އެ މުވައްސަސާއެއް އުފެއްދުމަށް ކެބިނެޓަށް ހުށަހަޅަން ޖެހޭ ލިޔެކިއުންތައް މިނިސްޓްރީން ތައްޔާރު ކުރަމުންދާ ކަމަށެވެ.
"ކުޑަ އަގެއް އެ މުއައްސަސާއަށް ލުމުން އެ ފައިސާ އިންވެސްޓްކޮށްގެން ޝަރުއީ ހަމަ ތަކުގެ މަތިން އެ ފައިސާ އިތުރުކޮށްގެން އެ ފައިސާ ދެއްކި ފަރާތްތަކަށް ހައްޖަށް ދިއުމުގެ ދޮރު ހުޅުވުމަށް އުފައްދާ މުއައްސަސާއާ ބެހޭ ކަރުދާސްތައް މިހާރު ތައްޔާރު ކުރަމުން މިދަނީ ކެބިނެޓަށް ހުށަހެޅުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން އޮންނަ އެ މުއައްސަސާ އުފެއްދުމަށް ފިނޭންސާއި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި މަޝްވަރާ ކޮށްފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ "ތަބުން ހާޖީ" ނަމުގައި މެލޭޝިޔާގައި އުފައްދާފައިވާ އެ ގައުމުގެ ހައްޖު ފަންޑު މުއައްސަސާ ނަމޫނާ އަކަށް ބަލައިގެން ރާއްޖޭގައި އުފައްދާ ހައްޖު ފަންޑު މުއައްސަސާއިން އެ ފަންޑަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރުމުގެ މަސައްކަތް ކުރި ނަމަވެސް މީހުން ހައްޖަށް ގެންދާނީ އެކަމަށް އެދޭ އާންމު ފަރާތްތަކުން ކަމަށެވެ.
އެހެން ނަމަވެސް އެފަންޑަށް ފައިސާ ލުމަށްފަހު އެމީހަކަށް ކޯޓާ ކަށަވަރުވާނެ ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވެވި އެވެ.