ރާއްޖެއިން ހައްޖަށް ދާ މީހުންނަށް ކޯޓާ ދިނުމުގައި އަންނަ އަހަރުން ފެށިގެން ފަރުޞު ހައްޖުވާ މީހުނަށް އިސްކަން ދިނުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީ ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ލިބޭ ކޯޓާ ދޫކުރުމުގައި އަލަށް ހައްޖުވާން ދާން ބޭނުންވާ މީހުނަށް އިސްކަމެއް ދިނުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފަރުޞު ހައްޖުވާ މީހުނަށް ކޯޓާ ދިނުމުގައި އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން އެކަންކުރާނެ އުސޫލުތައް ވަރަށް އަވަހަށް މިނިސްޓްރީން އާންމުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަން ކުރަނީ ދުނިޔޭގެ ބޮޑެތި އެހެން ގަމުތަކުންވެސް އެކަން ކޮށް އުޅޭ އުސޫލަތައް ބެލުމަށް ފަހުގައި ކަމަށެވެ.

"އަޅުގަނޑުމެން އެކަން މި ނިންމަނީ އިސްލާމީ އެހެން ގައުމުތަކުގައިވެސް އެކަން ކުރާ އުސޫލަށް ބަލާފައި. ބައެއް ބޮޑެތި ގައުމުތަކުގައި އެބަހުރި އެއްފަހަރު މީހަކު ހައްޖަށް ގޮސްފިއްޔާ ދެން އޭނަ އަކަށް ހައްޖަކަށް ނުދެވޭނެ ފަސް އަހަރަށް ފަހު ނޫނީ. ސައުދީ އަރައްބިއްޔާގައި ރަސްމީކޮށް އެކަން އޮންނަނީ އެހެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތަކުރާރުކޮށް ހައްޖަށްދާ މީހުން ގެންދިއުމުގެ ބަދަލުގައި އެ ފައިސާއިން އެހެން މީހަކު ހައްޖަށް ފޮނުވަދިނުމަށް ނުވަތަ އަލަށް ހައްޖަށްދާ މީހަކަށް މަގު ފަހި ކޮށްދިނުމާއިމެދު ވިސްނަން ޖެހޭ ކަމަށެވެ.

"[ތަކުރާރުކޮށް ހައްޖަށްދާ] އެފަދަ ފަރާތްތަކަށް ވެސް ދަންނަވާލަން އެބަ ޖެހޭ އެމީހާ އެ ހުރިހާ ހައްޖު ކުރުމުގެ ބަދަލުގައި ހައްޖަށް ނުދެވިފައި ހުރި މީހަކަށް ހައްޖު ކޮށް ދިނުމުގެ ފުރުސަތު ހުޅުވާދިނުން، އެ ފައިސާ ދީގެންވެސް، އެއީ ހައްޖަށް ދިއުމުގެ ސަވާބު ލިބުންފަދަ ކަމެއް އެއީ ހަމަ، އަމިއްލަ އަށް ހައްޖަށް ދިއުމަށް ވުރެ،" ޝަހީމް ވިދާޅުވި އެވެ.

ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ސައުދީ ސަރުކާރުން ދޫކުރަނީ 1000 ކޯޓާ ކަމަށްވާއިރު ކޯޓާ ނުލިބިގެން ކޮންމެ އަހަރަކު ރާއްޖެއިން ހައްޖަށް ނުދެވިފައި ގިނަ ބަޔަކު ތިބެ އެވެ.