ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާއާ ގުޅިގެން ސަލާމަތީ ކަންތައް ބެލެހެއްޓުމަށް ބައެއް މަގުތައް ބަންދުކުރަން ފުލުހުން ނިންމައިފި އެވެ.

ފުލުހުން މިއަދު ބުނީ ފުލުހުންގެ ގާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބައެއް ވަގުތުތަކުގައި ހަތް މަގެއް އާންމު ޓްރެފިކަށް ބަންދުކުރާގޮތަށް ނިންމާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ބައެއް ވަގުތު ތަކުގައި ބަންދުކުރާ މަގުތަކަކީ ބޮޑުތަކުރުފާނު މަގު ޕެޓްރޯލް ޝެޑް ހުންނަ ސަރަހައްދާއި ބޮޑުތަކުރުފާނު މަގު އަމިނީ މަގު ގުޅުނު ހިސާބާއި އަމީނީމަގު މޫންލައިޓް ހިނގުމާއި ބުރުޒުމަގާއި ޖަނަވަރީ ހިނގުން ގުޅޭ ތަނާއި ބުރުޒުމަގު އިރުދޭމާ ހިނގުން ގުޅޭ ތަނާއި ބުރުޒުމަގު ކަލާފާނު ހިނގުން ގުޅޭ ތަނުގެ އިތުރުން އަމީނީމަގު ކަށިމާ ހިނގުން ގުޅޭ ތަންކަމަށެވެ.

ފުލުހުންގެ ގާނޫނުގައި ވާގޮތުގެ މަތިން ބައެއް ގަޑިތަކުގައި އެ މަގުތައް ބަންދު ކުރަން ނިންމި ނަމަވެސް އިތުރު ސަރަހައްދުތައް ވެސް ބަންދުކުރަން ޖެހިއްޖެނަމަ އެ ސަރަހައްދެއްގެ މަގުތަކާއި ގޯޅިތައް ބަންދު ކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިގޮތަށް މަގުތައް ބަންދުކުރުމުން އާންމުންނަށާއި ދަތުރުފަތުރުކުރާ އުޅަނދުތަކަށް ކުރިމަތިވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށާއި މިފަދަ ކޮންމެ ވަގުތެއްގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެހީތެރި ކަމާއި އެއްބާރުލެއްވުން ޝުކުރުވެރިކަމާއެކު ފާހަގަ ކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.