11 Nov 2012, 12:13
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ދޮގު ރިޕޯޓެއް ދެއްކި މައްސަލައެއް ހޫނުވެ، ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީބީސީ)ގެ ޑިރެކްޓަ ޖެނެރަލް އިސްތިއުފާދެއްވައިފި އެވެ.
ބީބީސީގެ ޑިކެރްޓަރު ޖެނެރަލް ކަމުން އިސްތިއުފާދިން ޖޯޖް އެންޓްވިސުލް އިސްތިއުފާ އިއުލާން ކުރައްވަމުން ވިދާޅުވި ކަމަށް ސީއެންއެން އިން ބުނީ އޭނާ އިސްތިއުފާ ދިނީ އެ މައްސަލައިގައި މިހާރު ކުރެވެން އޮތް އެންމެ އަބުރުވެރި ކަމަކީ އެއީ ކަމަށް ދެކިގެން ކަމަށެވެ.
އޭނާ ބުނެފައިވާ ގޮތުގައި 23 އަހަރު ދުވަހުގެ ތަޖުރިބާއާ އެކު ބީބީސީގެ އެންމެ އިސްމީހަކަށް އޭނާ ހަމަޖެއްސި އިރު އޭނާއަކީ އެ މަގާމަށް އެންމެ އެކަށީގެންވާ މީހާ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. ނަމަވެސް ފާއިތުވި ހަފުތާތަކުގައި ހިނގައި ދިޔަ ކަންތައްތަކުން، ބީބީސީ އެހެން ލީޑަރެއް ބޭނުން ވާކަމަށް ގަބޫލުކުރެވުނީ ކަމަށް ވެސް އޭނާ އާ ހަވާލާދީ ސީއެންއެންއިން ބުންޏެވެ.
ޖޯޖް އިސްތިއުފާ ދިނުމާ ގުޅިގެން އެމަގާމަށް މީހަކު ހަމަޖެއްސެންދެން ވަގުތީ ގޮތުން އެ އެޖެންސީ ހިންގުން ހަވާލުކޮށްފައި ވަނީ އޯޑިއޯ އެންޑް މިއުޒިކް ޑައިރެކްޓަރުގެ މަގާމުގައި ހުރި ޓިމްޑޭވީއާ އެވެ.
ނަވާރަސަތޭކަ އައްޑިހައިގެ އަހަރުތަކުގެ ސިޔާސީ ބޭފުޅެއް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ދޮގު ތުހުމަތުތަކެއް އޮންއެއާ ކުރެވި، އެކަމުގެ ސަބަބުން އޭނާގެ އަބުރަށް ހުތުރުވެފައިވާ މައްސަލައިގާ ބީބީސީން ވަނީ ރަސްމީކޮށް މައާފަށް އެދިފަ އެވެ.
އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ހަޒާންދާރެއްގެ ގޮތުގައި 1970ގެ އަހަރުތަކުން ފެށިގެން 1990ގެ ފަހުކޮޅުގެ އަހަރުތަކާ ހަމައަށް ހުންނެވި މެކް އަލްޕައިން، އާ މެދު ބީބީސީން ކުރި ތުހުމަތުތަކަށް އިންކާކުރައްވައި އޭނާ ވަނީ އަބުރު ނަގާލި މީހުންނާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. ބީބީސީން މާފަށް އެދުނީ މިދިޔަ ހުކުރުދުވަހު އެވެ.
އެންވިސުލް އިސްތިއުފާ ދިން މައްސަލައިގާ އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ކަލްޗާ ، މީޑިއާ އެންޑް ސްޕޯޓް މާރިއާ މިލާ ވިދާޅުވެފައި ވަނީ އެއީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށާއި އެހެން ނަމަވެސް އެއީ ރަނގަޅު ނިންމުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.