11 Nov 2012, 12:01
ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ސަރުކާރުން ސްޓިކާ ޖަހަން ނިންމުމުން އެކަމާ ދެކޮޅަށް މާލޭގައި ޓެކްސީކުރާ ފަރާތްތަކުން މާދަމާ ހަޅުތާލެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް އެ ފަރާތްތަކުން ބުނެފި އެވެ.
ސަރުކާރުގެ ނިންމުމާދެކޮޅަށް ބާއްވާ އިހުތިޖާޖު ރޭުވުމުގައި އިސްކޮށް ހަރަކާތްތެރިވާ އަބުދުﷲ އިބްރާހިމް ސަން އޮންލައިނަށް މިއަދު ބުނީ މަގުމަތީގައި ޕާކްކުރާނެ އިންތިޒާމް ހަމަޖައްސާ ނުދީ ސްޓިކާ ޖެހުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި ސުޓިކާ ޖަހަންޖެހޭނީ ޕާކްކުރާނެ މަގު ފަހިކޮށްދީ އެކަމަށް އަމަލުނުކުރުމުން ކަމަށެވެ.
"މީގެ ކުރިން ކޮންމެ ޓެކްސީ ސެންޓަރަކަށް ތިން ޒޯން އިދޭ ހާއްސަކޮށްދީފައި، ނަމަވެސް މިހާރު އެތަންތަނެއްވެސް ނުހުރޭ އެހެން ގޮތަކުންވެސް ޕާކްކުރެވޭނެ އިންތިޒާމެއްވެސް ނުހުރޭ، އެހެންވީމަ ސްޓިކާ ޖަހަމުން ދާއިރު ކޮބާތޯ އަޅުގަނޑުމެންގެ ހައްގު،" އަބުދުﷲ ބުންޏެވެ.
އޭނާ ބުނީ ހިދުމަތައް ބުރޫނާރާގޮތަށް މާދަމާ 9:00 ފެށިގެން ޓެކްސީ ކުރުން ހުއްޓާލާނެ ކަމަށެވެ. އަދި ގިނަ ޓެކްސީ ޑްރައިވަރުންނާއި ޕިކަޕް ޑްރައިވަރުންވެސް މާދަމާ އެ ގަޑިއަށް ރާޅުގަނޑު ސަރަހައްދަށް ޖަމާވާނެ ކަމަށް އޭނާ ބުންޏެވެ. އަދި ބުނީ އެތަނުގައި އަޑުއުފުލުމަށް ފަހު ޓްރާންސްޕޯޓް މިނިސްޓްރީއަށް އެއްވެ އެކަމާ ގުޅޭގޮތުން މިނިސްޓްރީއާ މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށެވެ.
"މި ކަމަށް ހައްލެއް ނުލިބެނީހެން ހަޅުތާލު ނުނިންމާނަން،" އަބްދުﷲ ބުންޏެވެ.
އަދި ބުނީ އެ އިހުތިޖާޖުގައި މާލޭގެ ޕިކަޕް ސެންޓަރުތަކާއި ޓެކްސީ ސެންޓަރުތަކުގެ ގިނަ ޓެކްސީތަކުން ބައިވެރިވާނެ ކަމަށެވެ.
ގަވައިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ސްޓިކާ ޖެހުމަށް މިއަދު ފަށަފައިވާއިރު ފުރަތަމަ ޖަހާ ސްޓިކާއަށް ނަގަނީ 250ރ. އެވެ. އަދި ދެ ވަނަ ފަހަރަށް ޖަހާ ސްޓިކާ އަށް 500ރ. ނަގަން ނިންމާފައިވާއިރު އިތުރަށް ޖަހާ ކޮންމެ ސްޓިކާއަކަށް 750ރ. ނަގަންވަނީ ނިންމާފަ އެވެ.