އިބްރާހިމް ނާސިރު އިންޓަރޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ) ހިންގާ އިންޑިއާގެ ޖީއެމްއާރް ފޮނުވާލުމަށް ސަރުކާރު އިއްހާދުން މިދިޔަ ހުކުރު ދުވަހު އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވުމެއްގައި އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައިހުންނަވާ ހައިކޮމިޝަނާ ޑީއެމް މުލޭ އާއި ބެހޭގޮތުން ދައްކަވާފައިވާ ވާހަކަތަށް އެމްޑީޕީން ކުއްވެރިކޮށްފި އެވެ.

އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނާ މުލޭ އަކީ ރިޝްވަތު ހިއްޕަވާ ބޭފުޅެއް ކަމުގައި ވިދާޅުވެ މަޤާމުގެ ހައިސިއްޔަތާއި އަދި ޒާތީ ވަނަވަރާ މެދު ބަދު ބަސްތައް ވިދާޅުވެ ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ދައްކަވާފައިވާ ވާހަކަފުޅު ތަކާމެދު ކަންބޮޑުވާ ކަމަށާއި އެވާހަކަތައް ކުށްވެރިކުރާ ކަމަށެވެ.

"މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މުޅި ރާއްޖެ އަށް ދެއްކުނު މިއާންމު އެއްވުމުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި އެކުވެރި ދައުލަތެއްގެ އިސް ޑިޕްލޮމޭޓަކާ މުހާތަބު ކުރެއްވުމުގެ ރަސްމީ އަހްލާގާއި މުޅީން ހިލާފް، ހަޑިހުތުރު، އަހްލާގްދަށް، އަދި ޒިންމާދާރު ކަމެއްނެތް ވާހަކަ ތަކެއް ދެއްކެވުމުގައި އިސްނަންގަވާފައި ވަނީ ދިވެހި ރިޔާސަތަށް ނިސްބަތްކުރެވޭ ބޭފުޅަކުކަމީ މިކަމުގެ ސީރިއަސް ކަން އިތުރުވާ ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.

އަދި އެބަޔާނުގައި ވަނީ އައްބާސް އެ މޭރުމުން ވާހަކަދައްކާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަންގަވައިގެން ކަމަށް ބެލެވޭނެ ޖާގައޮތް ކަމަށް ތުހުމަތުކޮށް އެކަންވެސް ވަނީ ކުއްވެރިކޮށްފަ އެވެ.

އެ މައްސަލާގައި ސަރުކާރުން ބުނެފައިވަނީ ޖީއެމްއާރު މައްސަލައާ އިންޑިއާޔާ ގުޅުވައި ސަރުކާރުގައި ހިމެނޭ ޕާޓީތަކުން އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވުމުގައި ސަރުކާރުގެ ތަރުޖަމާނާއި ބައެއް އޮފިޝަލުން ފާޅުކުރެއްވި ހިޔާލުތަކަކީ ސަރުކާރުގެ ހިޔާލުތަކެއް ނޫން ކަމަށާއި އެއީ އެ ބޭފުޅުންގެ އަމިއްލަ ހިޔާލުތަށް ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ރޭ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ޖީއެމްއާރު މައްސަލައިގައި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ހައިކޮމިޝަނަރު ޑީއެމް މުލޭ ވެސް ހުރީ ރިޝްވަތު ހިފައިގެން ކަމަށާއި ޖީއެމްއާރާ އެކު މުލޭ ވެސް ރާއްޖެ އިން ބޭރުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މުލޭ އަށް އުޅެނީ އަސްލު މަގާމު އޮޅިގެން ކަމަށާއި ރާއްޖެ އަށް ބިރު ދައްކައި ޖަރީމާ ހިންގަން ދެން މުލޭއަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.