11 Nov 2012, 10:42
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު މރ. ޑީއެމް މުލޭއާ ބެހޭގޮތުން ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުން އޭނާގެ ކިބައިން ސަރުކާރުން މާފަށް އެދެން ޖެހޭނެ ކަމަށް ޑީއާރްޕީން ބުނެފި އެވެ.
ޑީއާރްޕީން އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ ސަރުކާރާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ދޭތެރޭ ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި އަމަލު ކުރަންޖެހޭނީ ޑިޕްލޮމެޓިކް އުސޫލުން ކަމަށް އެ ޕާޓީން ގަބޫލު ކުރާކަމަށެވެ. ނަމަވެސް އެފަދަ ގޮތަކަށް އަމަލު ކުރުމަކާއި ނުލައި މުލޭ ރިޝްވަތު ނަންގަވައިގެން ހުންނެވި ކަމަށް ތުހުމަތުކުރައްވައި އައްބާސް ދެއްކެވި ވާހަކަފުޅަކީ، ރާއްޖެއާ އިންޑިޔާއާ ދެމެދު ޒަމާނުންސުރެ އޮންނަ ގާތްގުޅުމަށް ބުރޫއަރާފާދަ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނަނީ އައްބާސްގެ އެ ވާހަކަތަކަކީ ބައިނަލްއަގުވާމީ ޑިޕްލޮމެޓިކު އުސޫލުތަކާ ވެސް ޚިލާފަށް ދައްކަވާފައިވާ ވާހަކަތަކަށް ވާތީ ޑީއާރްޕީން އެކަން ކުއްވެރި ކުރާ ކަމަށާއި އެފަދަ ވާހަކަތަކަށް އެޕާޓީން ދުވަހަކު ވެސް ތާއީދު ނުކުރާނެ ކަމަށެވެ.
"... ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް އުސޫލުތަކާ ޚިލާފަށް ދެއްކެވި ވާހަކަފުޅުތަކަކަށްވާތީ، ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނުގެ މި އަމަލު ޑީއާރުޕީން ކުށްވެރިކުރަމެވެ،" ޑީއާރްޕީގެ ބަޔާނުގައި ވެއެވެ.
އައްބާސް ދެއްކެވި އެ ވާހަކަތަކަކީ ސަރުކާރުގެ ހިޔާލުތަކެއް ނޫން ކަމަށާއި އެއީ އައްބާސްގެ އަމިއްލަ ޚިޔާލުތަކެއް ކަމަށް ރައީސް އޮފީހުން ރޭ ވަނީ ބުނެފަ އެވެ.
މުލޭއާ ބެހޭގޮތުން އައްބާސް ވިދާޅުވެފައި ވަނީ ޖީއެމްއާރު މައްސަލައިގައި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ހައިކޮމިޝަނަރު ޑީއެމް މުލޭ ވެސް ހުރީ ރިޝްވަތު ހިފައިގެން ކަމަށާއި، ޖީއެމްއާރާ އެކު މުލޭ ވެސް ރާއްޖެ އިން ބޭރުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މުލޭ އުޅެނީ އަސްލު މަގާމު އޮޅިގެން ކަމަށާއި ރާއްޖެ އަށް ބިރު ދައްކައި ޖަރީމާ ހިންގަން ދެން މުލޭއަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.