11 Nov 2012, 10:26
ޖީއެމްއާރާ ދެކޮޅަށް ހުކުރު ދުވަހު ބޭއްވި އެއްވުމުގައި ފޯރި އަރައި ސަރުކާރާއި އިއްތިހާދުވެފައިވާ ޕާޓީތަކުން އިންޑިއާގެ ހައިކޮމިޝަނާ މުލޭއަށް ރައްދުކުރީ ހަރުކަށި، "ތުހުމަތު"ގެ ބަސްތަކެވެ. ހާއްސަކޮށް ސަރުކާރުގެ ތަރުޖަމާން، ނޫނީ ރައީސް އޮފީހުގެ ސްޕޯސްކްޕާސަން އައްބާސް އާދިލް ރިޒާ ތުހުމަތު ކުރެއްވީ މުލޭ، ޖީއެމްއާރުން "ރިޝްވަތު" ނެންގެވި ކަމަށެވެ. މުލޭވެސް ރާއްޖޭން ބޭރުކުރާނެ ކަމަށެވެ. އަދި މުލޭ ވަނީ ޑިޕްލޮމެޓެއްގެ މިންގަނޑުން ބޭރުވެފައި ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
"އިންޑިއާއިން ރާއްޖެ އަށް ފިޔާ އަލުވި ވިއްކާ މީހުންގެ ވިޔަފާރިތައް ވެސް ހިމާޔަތް ކުރަން ޖެހޭނެ. އިންޑިއާ އިން ރާއްޖެ އަށް ހިލަ އާއި ހިލަވެލި ވިއްކާ މީހުންގެ މަސްލަހަތު ވެސް އޭނާ ހިމާޔަތް ކުރަން ޖެހޭނެ. ހަމަ އެކަނި އޭނާ އަށް މޮޅުވަން ޖެހޭނީ ޖީއެމްއާރެއް ނޫން. މިއަދު ފަޔަށް ހިނިއަރައިގެން އުޅޭ މީހެއްހެން ލޮލަށް މިރުސް އެޅިގެން އުޅޭ މީހެއް ހެން ދިވެހިންނަށް ބިރު ދައްކަމުން މިތާގައި ހުރި އިންޑިއާ އެމްބެސެޑަރު އެ އުޅެނީ އޭނާގެ އަސްލު މަގާމު އޮޅިގެން. އަޅުގަނޑުމެންނެއް ނެތިން އޭނާ މިގައުމުގައި ހިންގާ ޖަރީމާ ތައް ހިންގަން ފުރުސަތު ދޭކަށް،" މިއީ އައްބާސްގެ ވާހަކައާ ބަސްމަގު ހުރިގޮތެވެ.
ސަރުކާރުގެ ތަރުޖަމާންގެ ބަސްތައް ރާއްޖޭގައި ތިއްބަވައި އިންޑިއާ ސަރުކާރުގެ ވެރިންނަށް ސީދާ އޮއްސާލުމުން މައްސަލަ ސީރިއަސްވީ އެވެ. ޑިޕްލޮމެޓިކް ނޯމްސްތަކުން އެ މައްސަލަ އޮތީ ބޭރުވެފަ އެވެ. މުލޭ ރާއްވަވައިގެން ޖާސޫސް ކުރާ ކަމަށް ދޭހަވާ ގޮތަށްވެސް އައްބާސްގެ ވާހަކަ އަމާޒު ކުރެއްވުމުން އެ މައްސަލަ ވަނީ ސީދާ ރައީސްގެ ސަމާލުކަމަށް އިންޑިއާ ހައިކޮމިޝަނުން ގެނެސްފަ އެވެ. އެވާހަކަތަކާ މެދު ހިތާމަކުރާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ. ހަގީގަތުގައި ޑިޕްލޮމެޓިން ގޮތުން އެއީ މައްސަލައެކެވެ. ރާއްޖެއަށް ނުހަނު ގެއްލުންވާ ކުންފުންޏެއް ބޭރު ކުރަން ކުރާ މަސައްކަތުގައި އޭގެ ތެރެއިން އިތުރު މައްސަލަތަކެއްގެ ކުރި މިވަނީ ފަޅައިފަ އެވެ. އެއީ އިންޑިއާޔާ ރާއްޖޭގެ ގުޅުމަށް ސުވާލުތަކެއް ކުރިމަތިވެފަ އެވެ.
ޑީއާރުޕީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފް ވިދާޅުވަނީ އައްބާސްގެ ވާހަކަތަކުގެ ސަބަބުން ސީދާ ރާއްޖެއާ އިންޑިއާގެ ގުޅުމަށް އަސަރުކުރާނެ ކަމަށާއި އެއީ އެހާވެސް ނުރައްކާތެރި ވާހަކަތަކެއް ކަމަށެވެ. އަދި އިންޑިއާގެ އެހީތެރިކަމަށް ރާއްޖެ އަބަދުވެސް ބޭނުންވުމުގެ ހަގީގަތް ދެމި އޮތް އިރު އެ ގުޅުމަށް ބުރޫއަރާ ހުރިހާ ކަމަކުން ރާއްޖެ ދުރުހެލިވާން ޖެހޭނެކަމަށް އޭނާ ވިދާޅުވި އެވެ.
"ޖީއެމްއާރުގެ އެގްރިމަންޓްގެ ތެރެއިން ގެއްލުންވޭ. އެކަން ވާހަކަ ދައްކައިގެން ހައްލުކުރަން މިޖެހެނީ. ނަމަވެސް އޭގެ ބަދަލުގައި ސަރުކާރުގެ ވެރިން ނުކުމެ ކޮންޓްރޯލް ނުވެގެން އެގޮތަށް އިންޑިއާޔަށް އެއްޗިހި ކިޔަން ފެށުމުން އެއީ ވަރަށް ބޮޑު މައްސަލައެއް. ސަރުކާރުގެ އޮފިޝަލުން އެކަން ކޮންޓްރޯލް ކުރަން ޖެހޭނެ. އެއީ އާންމު ރައްޔިތުންނެއް ނޫން. ސަރުކާރުގެ ވެރިންވީމައި މައްސަލައަކީ،" ޝަރީފް ވިދާޅުވި އެވެ.
މައްސަލައިގެ ހަގީގަތަކީ ރާއްޖެ އިންޑިއާއަށް ބޭނުންވާ ކަމެވެ. އިންޑިއާއަށް އަޅުވެތި ނުވިއެއް ކަމަކު އިންޑިއާއަށް ރާއްޖެ އަބަދުވެސް ބޭނުންވެ އެވެ. ގަބޫލުކުރަން ބޭނުން ނުވިޔަސް ގަބޫލުކުރަން ޖެހޭ ކަމަކީ އިގްތިސޯދީ ގޮތުންނާއި ސަލާމަތުގެ ގޮތުން އިންޑިއާއަކީ ރާއްޖެއަށް މުހިންމު ގައުމެކެވެ. އެ ގައުމުގެ އޮފިޝަލުންނަށް ބަދު ބަސް ރައްދުކުރުމަކީ "ކާންދޭ އަތުގައި ދަށްއެޅުން،" ކަހަލަ ކަމެކެވެ.
އައްބާސްގެ ވާހަތައް މީޑިއާގެ ފަލަ ސުރުހީތަކުން ޖާގަ ހޯދަން ފެށުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރޭ ވަނީ އިނގިރޭސި ބަހުން ބަޔާނެއް ނެރެފަ އެވެ. އައްބާސްގެ ވާހަކަތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެއީ ސަރުކާރުގެ ފިކުރާއި ހިޔާލެއްވެސް ނޫންކަމަށް ވަނީ ބުނެފަ އެވެ. ސަރުކާރުން ވަނީ އެ ވާހަކަތަކުން ވަނީ ބަރީއަވެފަ އެވެ. އެވާހަތަކުގެ ނުރައްކާތެރިކަން ސަރުކާރަށް ވިސްނިއްޖެ އެވެ.
"ހާއްސަގޮތެއްގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވައި ހައިކޮމިޝަނާ ޑީއެމް މުލޭއާ ބެހޭ ގޮތުން އައްބާސް އާދިލް ރިޒާ ދެއްކެވި ވާހަކަތަކަކީ އޭނާގެ އަމިއްލަ ހިޔާލުކަމަށް ވީނަމަވެސް ސަރުކާރުން އެ ވާހަކަތަކާ މެދު ހިތާމަކުރަމެވެ. ރޭގެ އެ އެއްވުމަކީ ބައެއް ސިޔާސީ ޕާޓީތަކާއި އާންމު ބަޔަކު ގުޅިގެން ބޭއްވި އެއްވުމެކެވެ،" ބަޔާނުގައިވެ އެވެ.
ރައީސް އޮފީހުގެ ޕްރެސްސެކްރެޓަރީ މަސްއޫދު އިމާދުވެސް ވިދާޅުވަނީ އައްބާސް އެވާހަކަ ދެއްކެވީ "ޖޯޝާއި ފޯރީގައި" ކަމަށެވެ. އެ ވާހަކަތަކަކީ ސަރުކާރުގެ ވާހަކަތަކެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އައްބާސް ވިދާޅުވަނީ މުލޭގެ ވާހަކަ އޭނާ އެ ރާގުގައި ދެއްކެވީ، ސަރުކާރުގެ ބައެއް އިސްވެރިންވެސް މުލޭ އުޅެންނުޖެހޭ ގޮތަކަށް އުޅޭވާހަކަ އޭނާއާވެސް ހިއްސާކޮށްފައި ހުރުމުން ކަމަށެވެ. މުލޭ ޖީއެމްއާރު ހިމާޔަތްކުރަން ސިޔާސީ އެކި ފަރާތްތަކާ ސިއްރު ބައްދަލުވުންތައް ބާއްވާކަމަށްވެސް އޭނާ ތުހުމަތުކުރައްވަ އެވެ. އެ ޝަކުވާތައް އޭނާ ވަނީ އުފުއްލަވައިފަ އެވެ.
"އަޅުގަނޑު މީގެ ކުރިންވެސް މުލޭގެ ޝަކުވާތައް ވާނީ އެކި ގޮތްގޮތަށް ސަރުކާރުގެ ވެރިންނާއި ހިސާބަށް ގެނެސްފައި. އެ ޝަކުވާތައް އަޅުގަނޑުވާނީ އުފުލާފައި. މުލޭގެ އަމަލުތައް ހުންނަގޮތުގެ ވާހަކަ،" އައްބާސް ވިދާޅުވި އެވެ.
ޖީއެމްއާރުގެ މައްސަލައިގެ ތެރެއަށް ޖީއެމްއާރުގެ ދިފާއުގައި ސީދާ މުލޭ ވަންނަވާ ކަމަށް ސަރުކާރުގެ ތަރުޖަމާން ކުރެއްވި ތުހުމަތުތައް މީޑިއާގެ ފަލަ ސުރުހީތަކަށް އެރުމުން ޖީއެމްއާރުގެ މައްސަލައިގެ ތެރެއިން ކުރީ ފެޅީ ރާއްޖެއާ އިންޑިއާގެ ގުޅުމަށް ސީދާ ނުރައްކާ ވަމުން އަންނަ މައްސަލަ އެވެ. އިންޑިއާ ސަރުކާރުގެ ވެރިންނަށް ދިވެހި ސަރުކާރުގެ އިސް އޮފިޝަލުން ރައްދުކުރާ ބަހުގެ ހަމަލާތަކުގެ ނަތީޖާއަކީ ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް ނުތަނަވަސްކަން އައުމެވެ.