11 Nov 2012, 09:27
ވޮޝިންޓަން (ނޮވެމްބަރ 11): ސައޫދީ އަރަބިޔާ އަށް 6.7 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ޕްލޭނެއް އެމެރިކާގެ ދިފާޢީ ވުޒާރާ (ޕެންޓަގަން) އިން ކޮންގްރެސް އަށް ހުށަހަޅައިފި އެވެ.
އެެމެރިކަން އެޖެންސީ ފޯ ޑިފެންސް އެންޑް ސެކިއުރިޓީ ބުނި ގޮތުގައި ސައޫދީ އަރަބިޔާ އަށް ވިއްކުމަށް ރޭވިފައިވާ 6.7 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރުގެ ތެރޭގައި ހިމެނެނީ ޢަސްކަރީ ކާގޯ މަތިންދާބޯޓުގެ 20 ބޯޓާއި ޢަސްކަރީ ސަޕްލައި ބޯޓުގެ ފަސް ބޯޓުގެ އިތުރުން ގިނަ ޢަދަދެއްގެ ޢަސްކަރީ ސްޕެއާޕާޓްސް އާއި ޢަސްކަރީ މަތިންދާބޯޓުތަކުގައި ބޭނުންކުރާ 120 އިންޖީނާ އަދިވެސް އިތުރު ބައެއް ހަތިޔާރެވެ. މީގެތެރެ އިން ޢަސްކަރީ ކާގޯ މަތިންދާބޯޓުގެ 20 ބޯޓަކީ ސީ 130 މަރުކާގެ ބޯޓެވެ. ޢަސްކަރީ ސަޕްލައި ފަސް ބޯޓަކީ ކޭސީ 130 މަރުކާގެ ބޯޓުތަކެވެ.
އެެމެރިކަން އެޖެންސީ ފޯ ޑިފެންސް އެންޑް ސެކިއުރިޓީ އަކީ އެމެރިކާގެ ހަތިޔާރު އެކްސްޕޯޓް ކުރުމުގައި ޙަރަކާތްތެރިވާ އެޖެންސީއެކެވެ. މިއެޖެންސީ ބުނާ ގޮތުން މިއީ ސަޢޫދީ އަރަބިޔާގެ ޢަސްކަރީ ހަތިޔާރުތައް އައުކުރުމުގެ ގޮތުން ވިއްކާ ހަތިޔާރެވެ. މި ހަތިޔާރުތައް ސަޢޫދީ އަރަބިޔާ އަށް ވިއްކޭނީ ކޮންގްރެސްގެ ރުހުން ލިބިގެންނެވެ.
ސައޫދީ އަރަބިޔާއަކީ ހަތިޔާރާއި އެނޫން ޓެކްނޮލޮޖީ އަމިއްލައަށް ތަރައްޤީ ކުުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަދި ޚާއްސަކޮށް ޢަސްކަރީ ކަންކަމުގައި އެމެރިކާއަށާއި ހުޅަނގަށް ބަރޯސާވާ ޤައުމެކެވެ. މިގޮތުން ދޭތެރެއަކުން ސައޫދީ ސަރުކާރުން އެތަށް ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ހުޅަނގުގެ ޤައުމުތަކުން ގަންނަމުން ގެންދެ އެވެ. ނަމަވެސް އިސްރާއީލުން ދެކޮޅު ހަދާތީ އިސްރާއީލަށް ލިބޭ ފަދަ އެމެރިކާގެ އެންމެ ފަހުގެ ޢަސްކަރީ ޓެކްނޮލޮޖީ ސައޫދީ އަރަބިޔާ އަށް ނުލިބޭ ކަމަށް ޢަސްކަރީ ރިޕޯޓްތައް ބުނެ އެވެ.
ދެހާސް ދިހަ ވަަނަ އަހަރު ވެސް ސައޫދީ އަރަބިޔާއިން ވަނީ 60 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ގަނެފަ އެވެ. ސަޢޫދީ އަރަބިޔާ އަށާއި ގަލްފުގެ ޤައުމުތަކަށް ހަތިޔާރު ވިއްކުމަކީ އެމެރިކާ އާއި ޔުރަޕްގެ ބޮޑެތި ބާރުތަކުގެ އިޤްތިސާދަށާއި ހަތިޔާރުގެ އިންޑަސްޓްރީ އަށް ދިރުން ލިބިގެންދާ ކަމެއް ކަމަށްވާތީ މިއީ އެޤައުމުތަކުން ވަރަށް ޝައުޤުވެރިވާ ކަމެމެކެވެ. (އަލްޖަޒީރާ)