ޔަންގުން (ނޮވެމްބަރ 11): މިޔަންމާ އަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ރެކްޓަރ މިންގަނޑުން 6.6ގެ ބާރުމިނުގައި މިބިންހެލުން އައިސްފައި ވަނީ އެޤައުމުގައި ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަންދަލާއި އާ ކައިރީގައިވާ ހިސާބަކަށެވެ.

މިއަދު ހެނދުއައި ބިންހެލުމުގެ ސަބަބުން މީހުން މަރުވެ ޢިމާރާތްތަކަށާއި އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ނަމަވެސް ލިބު ގެއްލުންތައް އަދި ސާފުނުވާ ކަމަށާއި ގެއްލުންތަކާ ބެހޭ ރިޕޯޓްތައް އަދި ނުލިބޭ ކަމަށް ޚަބަރު ލިބެ އެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ ބުނާގޮތުން މިޔަންމާ އަށް އައި ބިންހެލުމުގެ މަރުކަޒު ހުރީ މަންދަލާއިގެ އުތުރުން 117 ކިލޯ މީޓަރުގެ ދުރުގައިވާ ހިސާބެއްގެ ބިމުގެ އަޑިން 10 ކިލޯމީޓަރު ފުނުގަ އެވެ.

މިޔަންމާގެ ގަޑިން މިއަދު ހެނދުނު މިބިންހެލުން އައިސްފައި ވަނީ ޖީއެމްޓީން މެންދަމު 1:12 މިނިއްޓުގައި ކަމަށާއި ފުރަތަމަ ބިންހެލުމަށް ފަހު 20 މިނިޓު ފަހުން އިތުރު ދެ ހެލުން އައިސްފައިވާ ކަމަށް ވެސް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އާބެހޭ އިދާރާ ބުނެ އެވެ. ރޮއިޓާސް ބުނާގޮތުން މިޔަންމާގެ އަވަށްޓެރި ބައެއް ޤައުމުތަކަށް ވެސް މި ބިންހެލުމުގެ އަސަރުކޮށްފައިވެ އެވެ. މިގޮތުން ތައިލެންޑްގެ ވެރިރަށް ބެންގްކޮކްގެ ރައްޔިތުންނަށް ވެސް މިޔަންމާގެ ބިންހެލުމުގެ އިޙްސާސް ކުރެވުނުކަމަށް ރޮއިޓާސް ޚަބަރު ދެ އެވެ.

މިޔަންމާއަކީ ދޭތެރެއަކުން ބިންހެލުން އަންނަ ޤައުމެކެވެ. މިދިޔަ މާޗް މަހުވެސް މިޔަންމާއަށް ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއްލިބި 75 މީހަކު މަރުވެފައިވެ އެވެ. (ރޮއިޓާސް)