11 Nov 2012, 02:15
ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ސީ ލައިސަންސް ކޯޗިން ކޯހެއް އެފްއޭއެމުން އިއްޔެ ފަށައިފި އެވެ.
ދިހަ ދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގެ ބޭނުމަކީ ރިޓަޔާ ކުރަން ތައްޔާރުވަމުންދާ ގައުމީ ޓީމަށް ކުޅެފައިތިބި ސީނިއާ ކުޅުންތެރިން ކޯޗިން ދާއިރާ އަށް ނެރުން ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.
"ގައުމީ ޓީމަށް ވަކި ވަރަކަށް ކުޅެފައި ހުރިއްޔާ އޮޓެމެޓިކުން ސީ އެބަލިބޭ. ހަމައެކަނި މިޖެހެނީ ކޯހަށް އެޓެންޑް ކޮށްލަން. މިހެންވެ ސީނިއާ ކުޅުންތެރިން ކޯޗިންގެ ތެރެއަށް ގެނައުމަކީ މިހާރު ކުރަން ވެއްޖެކަމެއް. މި ކޯހުގެ ބޭނުމަކީ މިއީ،" ޓެކްނިކަލް ޑައިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) ވިދާޅުވި އެވެ.
މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކޯހުގައި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ގައުމީ ޓީމުގެ ކެޕްޓަން އައްސަދު އަބުދުލްގަނީ އާއި ކީޕަރު އިމްރާނު މުހައްމަދާއި ކީޕަރު މުހައްމަދު ޝިނާން (ނާނި) އާއި ކީޕަރު ހުސައިން ހަބީބް، އަދި މިޑްފީލްޑަރު މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި ސޮބާހް މުހައްމަދުގެ އިތުރުން ނާފިއު މުހައްމަދާއި އަބުދުﷲ ހަނީފް (ބެންޖޯ) އަދި އާދަމް ފަޒީހް ފަދަ ކުޅުންތެރިން ބައިވެރިވި އެވެ. ޖުމުލަ ކޯހުގައި ބައިވެރިވީ 31 ބައިވެރިއެކެވެ.
މި ކޯހުގައި ކިޔަވާ ދެއްވަނީ އޭއެފްސީގެ ދިވެހި ދެ އިންސްޓަކްޓަރުން ކަމަށްވާ ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާއި އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) އެވެ. މި ކޯސް ފައްޓަވައި ދެއްވީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ރިޔާޒެވެ.