ޖީއެމްއާރު މައްސަލައާ އިންޑިއާޔާ ގުޅުވައި ސަރުކާރުގައި ހިމެނޭ ޕާޓީތަކުން އިއްޔެ އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވުމުގައި ސަރުކާރުގެ ތަރުޖަމާނާއި ބައެއް އޮފިޝަލުން ފާޅުކުރެއްވި ހިޔާލުތަކަކީ ސަރުކާރުގެ ހިޔާލުތަކެއް ނޫންކަމަށް ސަރުކާރުން ބުނެފި އެވެ.

އިންޑިއާއިން ރާއްޖޭގައި ހުންނަވައި، ހައިކޮމިޝަނާ ޑީއެމް މުލޭ އާއި އަދި ޖީއެމްއާރާ ބެހޭގޮތުން ސަރުކާރުގެ ބައެއް އާޓިފިޝަލް ބީޗްގައި ރޭ ފާޅުކުރި ހިޔާލުތަކުން ބަރީއަވާކަން ހާމަކުރަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިނގިރޭސި ބަހުން މިރޭ އާންމުކުރި ބަޔާނެއްގައި ބުނަނީ ސަރުކާރުގެ ބައެއް އޮފިޝަލުންނާއި އަދި ހާއްސަކޮށް ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ފާޅުކުރެއްވި ހިޔާލުތަކަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށާއި އެއީ އެބޭފުޅުންގެ އަމިއްލަ ހިޔާލުކަމަށެވެ.

"ހާއްސަގޮތެއްގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވައި ހައިކޮމިޝަނާ ޑީއެމް މުލޭއާ ބެހޭ ގޮތުން އައްބާސް އާދިލް ރިޒާ ދެއްކެވި ވާހަކަތަކަކީ އޭނާގެ އަމިއްލަ ހިޔާލުކަމަށް ވީނަމަވެސް ސަރުކާރުން އެ ވާހަކަތަކާ މެދު ހިތާމަކުރަމެވެ. ރޭގެ އެ އެއްވުމަކީ ބައެއް ސިޔާސީ ޕާޓީތަކާއި އާންމު ބަޔަކު ގުޅިގެން ބޭއްވި އެއްވުމެކެވެ،" ބަޔާނުގައިވެ އެވެ.

ރޭގެ އެއްވުމުގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ޖީއެމްއާރު މައްސަލައިގައި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ހައިކޮމިޝަނަރު ޑީއެމް މުލޭ ވެސް ހުރީ ރިޝްވަތު ހިފައިގެން ކަމަށާއި، ޖީއެމްއާރާ އެކު މުލޭ ވެސް ރާއްޖެ އިން ބޭރުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މުލޭ އަށް އުޅެނީ އަސްލު މަގާމު އޮޅިގެން ކަމަށާއި ރާއްޖެ އަށް ބިރު ދައްކައި ޖަރީމާ ހިންގަން ދެން މުލޭއަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.

އޭނާ މިއަދު ސަން އޮންލައިންއަށް ވެސް ވިދާޅުވީ، ރާއްޖޭގައި ހުންނަ ޑިޕްލޮމެޓަކު އުޅެންނު ޖެހޭ ގޮތަކަށް މުލޭ އުޅުއްވަމުން ގެންދަވާތީ އެކަމުގެ ޝަކުވާ ސަރުކާރުގެ އިސްފަރާތްތަކާ ހިއްސާކޮށްފައިވާނެ ކަމަށާއި މުލޭ ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ވަންނަން މަސައްކަތް ކުރާ ކަމަށް ސަރުކާރުގެ ބައެއް މިނިސްޓަރުން ވެސް އޭނާ ކައިރީ ޝަކުވާ އުފުލާފައިވާ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން އިންޑިއާ ހައުކޮމިޝަނުން މިއަދު ބުނީ އެ ވާހަކަތަކާ މެދު ހިތާމަކުރާކަމަށެވެ.