ފަނަރަހާސް ރުފިޔާއަށް ވުރެ ބޮޑެތި އަދަދުތަކުން ލުއި ލޯނު ދޫކުރުމަށް ދިވެހި ގައުމީ ބޭންކް، ބީއެމްލްއިން ނިންމާ އެކަން މިއަދު އިއުލާންކޮށްފި އެވެ.

ބޭންކްގެ އެ ނިންމުން އިއުލާން ކުރިނަމަވެސް އެ ލޯނު ދޫކުރަން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ބީއެމްއެލްގެ މެނޭޖާ، ޕަބްލިކް ރިލޭޝަންސް ހުސެއިން ރަޝީދު މިއަދު ވިދާޅުވީ އެ ބޭންކުން 15،000ރ. އަށް ވުރެ ބޮޑު އަދަދަކުން އަލަށް ދޫކުރަން ފަށާ ލޯނުތަކަށް ސެކިއުރިޓީއެއްގެ ގޮތުގައި އެއްވެސް ހަރުމުދަލެއް ބަހައްޓަން ނުޖެހޭއިރު ގެރެންޓާއެއްވެސް އަދި ކޮޓޭޝަނެއްވެސް އެ ލޯނު ހޯދުމަށް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

"ލުއި ލޯނުގެ މި އާ ޕްރޮޑަކްޓްތައް ތައާރަފްކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ވަނީ ނިމިފައި. ވަރަށް އަވަހަށް އެ ލުއިލޯނުތައް ދޫކުރަން ފެށޭނެ،" ރަޝީދު ވިދާޅުވި އެވެ.

ނަމަވެސް ލޯނުގެ އިންޓަރެސްޓްރޭޓަކީ ކިހާވަރެއް ކަމެއް އަދި އެންމެ ގިނަވެގެން އެ ސްކީމްގެ ދަށުން ދޫކުރާނެ ފައިސާގެ އަދަދެއްވެސް އޭނާ ވިދާޅެއްނުވެ އެވެ.

އޭނާ ވިދާޅުވީ އެ ލޯނު ދޫކުރުމަށް ފުރިހަމަވާންޖެހޭ ހަމަ އެކަނި ޝަރުތަކީ މަދުވަގެން 12 މަސްދުވަސް ވަންދެން ބޭންކް އެކައުންޓަށް މުސާރަ ބަރާބަރަށް ޖަމާވަމުން އައުން ކަމަށެވެ. އަދި އެ ލޯނު ދައްކާ ހަލާސްކުރަން ޖެހޭނީ 46 މަސްދުވަހުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އާ ލުއިލޯން ޕެކޭޖެއް ތައާރަފްވި ނަމަވެސް މިހާރުވެސް ދޫކުރަމުން އަންނަ 15،000ރ. ގެ ލުއިލޯނު ދޫކުރަމުން އަންނާނެ ކަމަށް އެބޭންކުން ބުންޏެވެ.

ބީއެމްއެލްއަށް ކޮންމެ އަހަރަކުވެސް ރަނގަޅު ފައިދާއެއްވި ނަމަވެސް އެ ބޭންކުން ދޫކޮށްފައިވާ ބޮޑެތި އަދަދުތަކުގެ ލޯނުތަކަށް ފައިސާ ނުލިބޭތީ ޕްރޮވިޝަން ހަދަން ޖެހުމުން ބޭންކްގެ ހިއްސާދާރުންނަށް މިދިޔަ އަހަރުގެ ފައިދާއިންވެސް އެއްވެސް އެއްޗެއް ލިބިފައެއްނުވެ އެވެ.