މާމިގިލީ އެއާޕޯޓްގެ މުއްދަތު 99 އަހަރަށް އިތުރުކުރުމުގައި ވިލާ ކުންފުނީގެ ފަރާތުން އެއްވެސް ނުހަމަ ކަމެއް ހިންގާފައި ނުވާނެ ކަމަށް ވިލާ ގްރޫޕްގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެއާޕޯޓްގެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން ދެއްކެވޭ ވާހަކަތަކަށް ރައްދު ދިނުމަށް ވީޓީވީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ގާސިމް ވިދާޅުވީ ވިލާ ގްރޫޕުން އެއާޕޯޓްގެ މުއްދަތު އިތުރުކުރުމުގެ އެގްރިމަންޓްގައި ސޮއިކުރީ އިގްތިސޯދީ ކޮމެޓީ އިން އެކަން ނިންމުމުން ކަމަށާއި އެކަމުގައި އޮންނަ ގާނޫނީ މައްސަލަތަކުގެ ތެރެއަށް އޭނާ ވަންނަން ނުޖެހޭ ކަމަށެވެ.

"އެ މީހަކަށް އިނގޭނީ އެ މީހެއްގެ ރޮޑުގެ ހަންދަމާނެ ގޮތް. އަޅުގަނޑަކަށް ނޭނގޭނެ. އެކަމުގައި ކެބިނެޓުން ނިންމަން ޖެހޭތޯ ނޫނީ ސީއެސްއާރު ކޮމްޕޯނެންޓްތައް މަޑުޖައްސާލާފައިވޭތޯ އެކަން އަޅުގަނޑުމެން ބަލާކަށް ނުޖެހޭ. ރައީސް އޮފީހުން ކޮންމެ ކަމެއް ކުރާނީ އަޅުގަނޑާ މަޝްވަރާކޮށްފައެއް ވެސް ނޫން،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިގްތިސޯދީ ކޮމެޓީގެ ބައްދަލުވުމަށް އޭނާ އާއި ވިލާ ގްރޫޕްގެ އިސްދެބޭފުޅަކު ވަޑައިގަތް ކަމަށާއި އެ ކޮމެޓީގެ މެންބަރުން އެއާޕޯޓް ހެދުމަށް ވިލާ ގްރޫޕުން ކޮށްފައިވާ ކަންތައްތައް އޮޅުންފިލުއްވައި ހެއްދެވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ވަރަށް ސީނިއާ ބޭފުޅުން ތިއްބެވި ކަމަށެވެ.

"އެ ކޮމެޓީން ބެލުމަށް ފަހު އެކަން ނިންމާފައި އަޅުގަނޑުމެންނަށް އެންގީމާ އަޅުގަނޑުމެން ސޮއިކުރީ. އަޅުގަނޑުމެން އޭގެތެރޭގައި ކަންތައްގަނޑެއް ހިންގައިގެނެއް ނޫން އެކަން ކުރީ. ދެން އަޅުގަނޑަކަށް ނޭނގޭ ސަރުކާރުން އެކަން ކުރެއްވި ބޭފުޅެއް އެކަން ކުރެއްވީ ކިހިނެތް ކަމެއް،" ގާސިމް ވިދާޅުވި އެވެ.

އެއާޕޯޓްގެ މުއްދަތު 99 އަހަރަށް އިތުރު ކޮށްދިނީ ރައީސަށް ނޭނގި ކަމަށް ސަރުކާރުގެ އިސްފަރާތްތަކުން ބުނި ނަމަވެސް، އިގްތިސޯދީ ކޮމެޓީގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސް ބޭފުޅުން ތިއްބެވުމުން އެއީ ރައީސަށް ނޭނގި އެ ނިންމުން ނިންމީ ކިހިނެއް ކަމާ މެދު ސުވާލުއުފެދޭ ކަމަށެވެ.

"އަޅުގަނޑު ވަރަށް ހިތާމަކުރަން ރައީސް އަށް ނޭނގިއޭ އެކަން ކުރެއްވީ ބުނާތީ. މީގެ މާކުރިން މިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް ނިންމާފައި އޮތް ކަމެއް ނޭނގި ކުއްލި އަކަށް ނިންމީއޭ ބުނީމައި ހިތާމަކުރަން،" ގާސިމް ވިދާޅުވި އެވެ.

މާމިގިލީ އެއާޕޯޓްގެ މުއްދަތު 99 އަހަރަށް އިތުރުކުރުމުގެ ނިންމުން ރައީސް ނަޝީދުގެ ސަރުކާރުން ނިންމާފައި އޮތްކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ އެ ނިންމުން އޭރު ތަންފީޒު ނުކުރެވުނީ ކުއްލި އަކަށް ސަރުކާރު ބަދަލުވުމާއި އޭގެ ފަހުން ހިނގިކަންތައްތަކުގެ ސަބަބުން ކަމަށެވެ.

އަދި އެއާޕޯޓްގެ މުއްދަތު އިތުރުކުރި މައްސަލައިގައި ސަރުކާރާ އެކު އޭނާ ކުރާނެ އިތުރު މަޝްވަރާއެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެކަމުގައި ވިލާ އިން ގޯހެއް ހަދާފައި ނެތް އިރު ގާނޫނީ މަރުހަލާއަކަށް ދާންޖެހޭނެ ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުދެން ކޮން މަޝްވަރާއެއްތޯ ކުރަން އެ އޮތީ. އެއީ ސަރުކާރުން ނިންމާފައި އޮތް ނިމުމެއް. އޭގައި ދެން އަޅުގަނޑު ކުރާނެ މަޝްވަރާއެއްނެތް،" ގާސިމް ވިދާޅުވި އެވެ.

މުއްދަތު އިތުރުކޮށް ދިން ނަމަވެސް އެއާޕޯޓްގެ ކުއްޔަކީ އަހަރަކު 24،000 ޑޮލަރު ކަމަށާއި އެ ކުންފުންޏަށް ރިސޯޓެއް ވެސް އަދި ޔޮޓް މެރީނާއެއް ހަދަން ތަނެއް ވެސް ދީފައި ނެތް ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުން އެ ނިންމުން ނިންމީ އެތަނަށްކޮށްފައި ހުރި ހަރަދާ ކޮންމެ އަހަރަކު ދައްކާ ކުއްޔަށް ބެލުމަށްފަހުގައި ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެރަށުގެ ފަޅުން ތަނެއް ހިއްކައިގެން އެއާޕޯޓެއް ހެދީ. އެކަން އެގޮތައް ކުރީ. އަދި ބޮޑު ބަދަރަކާއި އެއާޕޯޓް އިންޓަނޭޝަނަލް ކުރަން ބޭނުންވާ ނަމަ އެކަން އެގޮތައް ކުރެވޭ ފެންވަރަށް މިތަން ތަރައްގީ ކުރީ،" ގާސިމް ވިދާޅުވި އެވެ.

އެއާޕޯޓް ޑިވަލޮޕްކުރުމަށް އެކަނިވެސް އޭނާގެ އަތުން 1.4 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ އިރު މާމިގިލީގެ ތަރައްގީއަށް 500 އެތައް މިލިއަން ރުފިޔާ ހަރަދުކޮށްފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ސީއެސްއާރުގެ ގޮތުގައި ކޮށްދޭނެ ކަންތައްތަކުގެ ކަރުދާހެއް ހުށަހަޅަން ނިންމާފައި އޮތުމުން އެ ކަރުދާސް ވެސް ވަރަށް އަވަހަށް ސަރުކާރަށް ހުށަހަޅާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.