ރަށެއް ކުއްޔަން ހިފާފައިވާ މީހަކު ދައުލަތަށް ދައްކަންޖެހޭ ލައްކައަކަށް ވުރެ ގިނަ ރުފިޔާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާފައި ނުވާތީ އެއް މަސް ދުވަސް ވަންދެން ގޭގައި ބަންދު ކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މ. ފުޖީ އަލީ ވަހީދުގެ މައްޗަށެވެ. މީރާ އިން އޭނާގެ މައްޗަށް ދައުވާކޮށްފައި ށ. ކަކާއެރިޔަދޫ ކުއްޔަން ހިފާފައިވާ އަލީ ވަހީދު ފިޝަރީޒް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށެވެ. އަދި އެއްބަސްވުމުގައިވާ ގޮތުން ދައުލަތަށް ލިބެން ޖެހޭ ވަރުވާއާއި ޖޫރިމަނާގެ ފައިސާއާ އެކު ޖުމްލަ 154،307.71ރ. ދައުލަތައް ދައްކަން ޖެހޭ ކަމަށެވެ.

ދައުލަތަށް ދައްކަން ޖެހޭ ފައިސާ ތިން މަސް ދުވަހުގެ ތެރޭ މީރާ އަށް ދެއްކުމަށް 4 މާޗް 2012ގައި ހުކުމްކޮށްފައިވެ އެވެ.

ނަމަވެސް އެ ފައިސާ ދައުލަތަށް ދައްކާފައި ނުވާތީ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި މީރާ އިން ސިވިލް ކޯޓުގައި ހުކުރި ދައުވާގައި ހާތިފް ހިލްމީ ކުރެއްވެވި ހުކުމްގައި ބުނަނީ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން އަލީ ވަހީދާ އާމެދު ފިޔަވަޅުއަޅާ ފުރަތަމަ ފަހަރުކަމަށް ވާތީ "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުއާމަލާތްތަކުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު"ގެ ދެ ވަނަ މާއްދާގެ (ހ)ގެ ދަށުން އަލީ ވަހީދު އެއް މަސް ދުވަހަށް ގޭގައި ބަންދު ކުރުމަށް ހުކުމް ކުރާ ކަމަށެވެ. އަދި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކާ ހަލާސް ކުރުމަށް އަލީ ވަހީދަށް އަންގައި ހުކުމް ކުރާ ކަމަށެވެ.

"ރަހުނެއް ހިމެނޭ ސާބިތު ދަރަނީގެ މުއާމަލާތްތަކުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ ދެ ވަނަ މާއްދާގެ (ހ)ގެ ދަށުން ދައުވާލިބުނު އަލީ ވަހީދު އެއް މަސް ދުވަހުގެ މުއްދަތައް ގޭގައި ބަންދު ކުރުމަށާއި ސިވިލް ކޯޓްގެ ނަންބަރު ... (ފައިސާ ދެއްކުމަށް މާޗް 4، 2012ގައި ކުރި ހުކުމް) އަމަލު ކުރުމަށް ދައުވާ ލިބުނު މ. ފުޖީ / މާލެ، އަލީ ވަހީދުއަށް އަންގައި ހުކުމްކޮށްފީ މެވެ،" ގާޒީ ހާތިފް ހިލްމީ ކުރެއްވެވި ހުކުމްގައިވެ އެވެ.