10 Nov 2012, 15:55
މި ނޮވެންވަރު މަހުގެ ހަވަނަ ދުވަހު ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑު ވުމުގެ ސަބަބުން އެ ރަށުގެ 959 ގެއަކަށް ފެނުގެ އަސަރު ކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ޕީޕީއެމްގެ މެންބަރު ޝިފާގް މުފީދް މިއަދު ވިދާޅުވެއްޖެ އެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފުވައްމުލަކަށް ލިބުނު ގެއްލުން ތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަަށް މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިފާގް ވިދާޅުވީ ރަށުގެ މުޅި ޖުމްލަ އާބާދީގެ މީހުން ދިރިއުޅޭ ގެތަކުގެ ތެރެއިން 52 އިން ސައްތަ ގެއަށް ނުވަތަ ގޭބިސީ ތަކަށް އެކި ގޮތްގޮތުން ފެނުގެ އަސަރު ކޮށްފައިވާ ކަމަށެވެ.
"މިހާދިސާއަށް ބަލާލާއިރު 1857 ގޭގައި އެއީ ފުވައްމުލަކުގައި މީހުން ދިރިއުޅޭ ކަމަށް ބެލެވިފައިވާ އަދަދު. އެ އަދަދަށް ބަލާއިރު ގެއަށް ފެންވަދެފަވާ ގެތަކުގެ އަދަދު 538 ކަށް އަރާއިރު ބަސްތާ ޖަހައިގެން ފެންވަންނާތީވެ ފެން ހުއްޓުވި ގޭގެ އަދަދު 521 ހާ އެކީގައި ޖުމްލަ 959 ގެއަކަށް ފެނުގެ އަސަރު ކޮށްފައި މިވަނީ. މާނައަކީ ރަށުގެ މުޅި ޖުމްލަ އާބާދީގެ ހައުސް ހޯލްޑްގެ ގޭބިސީގެ 52 އިން ސައްތަ ގެ އަށް ފެންވަދެފައި، ފެނުގެ އަސަރު ކޮށްފައި މިވަނީ." ޝިފާގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ވެހުުނު ވިއްސާރައިގެ ސަބަބުން ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ ގޭގޭ ފާހާނާތަކާއި ވަޅު ފަދަ ތަންތަން ބޭނުން ނުކުރެވޭ ގޮތްވުންކަމަށެވެ. އެގޮތުން ޖުމްލަ 322 ގެއެއްގެ ފާހާނާ އާއި ވަޅުފަދަ ތަންތަން އެއްގޮތަކަށް ވެސް ބޭނުން ނުކުރެވޭ ހާލަތައް ގޮސްފައިވާ ކަމަށް ރަށުގެ ކައުންސިލުންނާއި އަދި ރަށުގެ ރައްޔިތުން މައުލޫމާތު ދެއްވާފައިވާ ކަމަށް ޝިފާގް ވިދާޅުވި އެވެ.
މީގެ އިތުރުން ޝިފާގް ވިދާޅުވީ ވެހުނު ވާރޭގައި ރަށުތެރޭގައި ބޮޑުވި ފެންގަނޑު ހައްލު ކުރުމަށް ދިމާވި އެންމެ ބޮޑު ހުރަހަކީ ރަށުގައި ހެދިފައިވާ ހަތަރު ކާނުގެ ތެރެއިން އެއް ކާނު އެއްގޮތަކަށް ވެސް ބޭނުން ނުކުރެވޭ ހާލަތުގައި ވުން ކަމަށެވެ. އަދި މީގެ އިތުރުން ރަށުގައި ފެން ހިއްކުމަށް ހުރީ ތިން ފެން ޕަމްޕް ކަމަށާއި އޭގެ ތެރެއިން އެއް ޕަންޕް އެއްގޮތަކަށް ވެސް ބޭނުން ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ވާރޭ ވެހުމުގެ ސަބަބުން ރަށުތެރޭގައި ފެންބޮޑުވުމަށް ދިމާވި އަނެއް ސަބަބަކީ އެއާޕޯޓް ހެދިއިރު ބޭނުން ކުރުމަށް ހަދާފައިވާ ރަންވޭ ހަދާފައިވާ ގޮތުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން ޝިފާގް ވިދާޅުވީ ރަށުގައި އެންމެ ބޮޑަށް ފެން ބޮޑުވެފައިވާ ސަރަހައްދަކީ ސަރުކާުގެ އިދާރާތަކާއި އަދި މުހިންމު އެހެނިހެން މުއައްސަސާތައް ހުންނަ ސަރަހައްދު ކަމަށެވެ.
ޝިފާގް ވިދާޅުވީ ފުވައްމުލަކަށް މި ކުރި ވިއްސާރާގައި އާންމު ފަރުދުންގެ ގޭގޭގައި ގެންގުޅޭ ތަކެއްޗަށާއި އަދި ދަނޑު ތަކަށް ލިބިފައިވާ ގެއްލުން ތަކުގެ އަދަދު މިލިޔަނުން ގުނާލެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިވަގުތު ފުވައްމުލަކަށް ބޭނުން ވަނީ ފްލެޓް ތަކެއް ނޫން ކަމަށާއި މިހާރު ފުވައްމުލަކުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އެ ރަށުގައި އަވަސް މުސްތަގުބަލެއްގެ ތެރޭގައި ނަރުދަމާގެ ނިޒާމެއް ގާއިމު ވެގެން ދިއުން ކަމަށެވެ.
"އަޅުގަނޑުމެން ފުވައްމުލަކު މެންބަރުންގެ ހައިސިއްޔަތުން ފުވައްމުލަކުގެ ރައްޔިތުންގެ ހައިސިއްޔަތުން އަދި ފުވައްމުލަކުގެ ކައުންސިލުން ވެސް ރައްޔިތުން ވެސް ސަރުކާރަށް އިލްތިމާސް ދަންނަވާ އެއްކަމަކީ ފުރަތަމަ ކަމަކަށް އަޅުގަނޑުމެންނަށް ނަރުދަމާގެ ނިޒާމެއް ގާއިމު ކޮށް ދެއްވާށޭ. ދެވަނަ ކަމަކަށް ފުވައްމުލަކުގެ މި ގުދުރަތީ ފެންހިންދުމުގެ ނިޒާމް އަޅުގަނޑުމެންނަށް ހުޅުވާލަ ދެއްވާށޭ،" ޝިފާގް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރަށުގައި ފެން ބޮޑުވާ ކޮންމެ ފަހަރަކު ރަށުގެ މަގުތަކަށް ފަސް އަޅައިގެން ފެން ހިންދުމުގެ މަސައްކަތް ކުރުމުގެ ބަދަލުގައި ސަރުކާރުން އެކަން އެހެން ގޮތަކަށް ކުރުމަށް ސަރުކާރުގެ ފަރާތުން އެދޭ ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް ފަސް އަޅައިގެން ފެން ހިންދުމުގެ ސަބަބުން ރަށުގެ ގެތައް ބިމުގެ އަޑިއަށް ދާކަމަށާއި އެހެން ވުމުގެ ސަބަބުން ވާރޭ ވެހުމުގެ ސަބަބުން ގެތަކަށް ފެން ވަންނަ މިންވަރު އިތުރުވާ ކަމަށެވެ.
ޝީފާގް ވިދާޅުވީ ވެހުނު ވިއްސާރަގައި ދިމާވި ދަތިތައް ހައްލު ކުރުމުގައި ޑިޒާސްޓާ މެނޭޖްމެންޓާއި ރަށުގެ ކައުން ސިލާއި އަދި ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ.