ޖީއެމްއާރު މައްސަލައިގައި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ހައިކޮމިޝަނަރު ޖީއެމް މުލޭ ވެސް ހުރީ ރިޝްވަތު ހިފައިގެން ކަމަށާއި، ޖީއެމްއާރާ އެކު މުލޭ ވެސް ރާއްޖެ އިން ބޭރުކުރާނެ ކަމަށް ސަރުކާރުގެ ސްޕޯކްޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.

އައްބާސް އެހެން ވިދާޅުވީ ސަރުކާރާ އެކު އިއްތިހާދުވެފައިވާ ޕާޓީތަކުން ޖީއެމްއާރު މިނިވަން ކުރުމަށް ގޮވާލައި ޝުއޫރު ފާޅުކުރުމަށް ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ސުލްހަވެރި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

އައްބާސް ވިދާޅުވީ މުލޭ އަށް އުޅެނީ އަސްލު މަގާމު އޮޅިގެން ކަމަށާއި ރާއްޖެ އަށް ބިރު ދައްކައި ޖަރީމާ ހިންގަން ދެން ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި ވިދާޅުވީ މިއަދު ރާއްޖޭގައި އިންޑިއާ ތަމްސީލު ކުރަން ތިބި އެންމެ މަތީ ވެރިންވެސް ތިބީ ޖީއެމްއާރު އަތުން ރިޝްވަތު ނަގާ އެމީހުންގެ ޚިޔާނާތުގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި ދެން ދިވެހިން ރިޝްވަތުގައި ނުޖެއްސޭނެ ކަމަށާއި، މިހާރު ހޭއަރާފި ކަމަށެވެ. އޭނާ ވިދާޅުވީ ޖީއެމްއާރު ހިމާޔަތް ކުރަން މަސައްކަތް ކުރައްވާ ގޮތަށް އިންޑިއާ އިން ރާއްޖޭގައި ހިންގާ އެހެން ވިޔަފާރިތަކުގެ ހިމާޔަތުގައި ވެސް މުލޭ މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށެވެ. ރާއްޖެއިން އިންޑިއާ އާ އެކު ކުރަމުން އަންނަ ވިޔަފާރީގެ މުއާމަލާތްތަކަށް އެތައް ބިލިއަން ޑޮލަރު އަރާ ކަމަށާއި، ފަތުރުވެރި ކަމުގެ ދާއިރާގައި އެންމެ ބޮޑު ހިއްސާއެއް އަދާ ކުރަނީވެސް އިންޑިއާގެ ފަތުރުވެރިން ކަމަށްވެސް ވިދާޅުވި އެވެ.

"އިންޑިއާއިން ރާއްޖެ އަށް ފިޔާ އަލުވި ވިއްކާ މީހުންގެ ވިޔަފާރިތައް ވެސް ހިމާޔަތް ކުރަން ޖެހޭނެ. އިންޑިއާ އިން ރާއްޖެ އަށް ހިލަ އާއި ހިލަވެލި ވިއްކާ މީހުންގެ މަސްލަހަތު ވެސް އޭނާ ހިމާޔަތް ކުރަން ޖެހޭނެ. ހަމަ އެކަނި އޭނާ އަށް މޮޅުވަން ޖެހޭނީ ޖީއެމްއާރެއް ނޫން. މިއަދު ފަޔަށް ހިނިއަރައިގެން އުޅޭ މީހެއްހެން ލޮލަށް މިރުސް އެޅިގެން އުޅޭ މީހެއް ހެން ދިވެހިންނަށް ބިރު ދައްކަމުން މިތާގައި ހުރި އިންޑިއާ އެމްބެސެޑަރު އެ އުޅެނީ އޭނާގެ އަސްލު މަގާމު އޮޅިގެން. އަޅުގަނޑުމެންނެއް ނެތިން އޭނާ މިގައުމުގައި ހިންގާ ޖަރީމާ ތައް ހިންގަން ފުރުސަތު ދޭކަށް،" އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ގާނޫނޫތައް ހިނގާ އެއްވެސް އެއްބަސްވުމެއް މިހާތަނަށް ޖީއެމްއާރާ އެކު ހަދާފައި ނެތް ކަމަށާއި، އެ ނޫން ގޮތަކަށް ވިސްނާދޭން އުޅޭ ކޮންމެ މީހަކީ ވެސް ގައުމާއި ޖީލު ތަކުގެ ދުޝްމަނެއް ކަމަށެވެ.

އައްބާސް ވިދާޅުވީ އިންޑިއާ ހައިކޮމިޝަންގައި މަސައްކަތްކުރާ ދެމީހަކު އެއްވުމުގެ ތެރެއިން ނިކުމެގެން ގޮސް ބޭރުގައި ހުރި ބަނގްލަދޭޝް ރައްޔިތަކާއި ވާހަކަ ދެއްކި މަންޒަރު ދުށިން ކަމަށާއި، އެ މަންޒަރު އައްބާސްގެ ފޯނުން ފޮޓޯ ވެސް ނެގި ކަމަށެވެ. އަދި ވިދާޅުވީ އެއްވުމުގައި ތިބި ބައިވެރިންގެ ފޮޓޯ ނަގަދިނުމަށް އެދެމީހުން އެމީހާ ގާތު އެދުނު ކަމަށެވެ. އެމީހާ ފޮޓޯ ނަގަން ހުއްޓާ އެތަނުން އެމީހާ ބޭރުކުރީވެސް އައްބާސް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދުށިން އިންޑިއާ އެމްބަސީގައި މަސައްކަތްކުރާ ދެމީހުން މިތަނުގެ ތެރެއިން ނިކުމެގެން ގޮސް އެތާ ބޭރުގައި ހުރި ބަންގާޅި އަކާ ވާހަކަދައްކަނިކޮށް. އެމީހުން އޭނާ ގާތު އެދުނީ މިތަނަށް އެއްވެ ތިބި މީހުންގެ ފޮޓޯ ނަގާ ދިނުމަށް. ދެން އެމީހާ އައިސް ފޮޓޯ ނަގަން ހުއްޓާ އަޅުގަނޑުގޮސް ބުނެފިން އޭ ކަލޭ ތީ ކާކުހޭ. ބުނީމާ ބުނެފި ތިމަންނަ އަށް ކިޔަނީ އަބޫބަކުރޭ. އަޅުގަނޑު ދަންނަވައިފިން އަބޫބަކުރު އަވަހަށް މިތަނުން ދާށޭ. އަޅުގަނޑު މި ބުނަނީ ޖީއެމްއާރު ކައިރީގައި ވެސް އަވަހަށް ރާއްޖެ ދޫކޮށް ދާށޭ،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ދިވެހިންނާ އިންޑީއާ ދުވަހަކު ވެސް ދުރެއް ނުވާނެ ކަމަށާއި އަދި އިންޑިއާގެ ރައްޔިތުން ވެސް ދިވެހިންނާ ދުރެއް ނުވާނެ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަކީ އިންޑިއާ ރައްޔިތުންނާ ގުޅި ލާމެހިފައި ތިބި ބައެއް ކަމަށާއި ނަމަވެސް މައްސަލަ ޖެހިގެން އުޅެނީ މިތަނުގައި ރިޝްވަތު ހިފާ ޚިޔާނާތްތެރިވެފައި ތިބި އިންޑިއާގެ މަދު ބަޔަކާ ހެދި ކަމަށެވެ.

އައްބާސް އިތުރަށް ވިދާޅުވީ ޖީއެމްއާރު މިތަނުގައި ބާއްވައިގެން ކުރިއަށް އޮތް އެއްވެސް އިންތިޚާބެއްގައި ވެސް ބައިވެރި ނުވާނެ ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ކުރާ ސިޔާސީ ވެރިއަަކާ ވެސް ދުވަހަކު ވެސް ބައިއަތު ނުހިފާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

އޭނާ މިއަދު ސަން އޮންލައިން އަށް ވިދާޅުވީ، ރާއްޖޭގައި ހުންނަ ޑިޕްލޮމެޓަކު އުޅެންނު ޖެހޭ ގޮތަކަށް މުލޭ އުޅުއްވަމުން ގެންދަވާތީ އެކަމުގެ ޝަކުވާ ސަރުކާރުގެ އިސްފަރާތްތަކާ ހިއްސާކޮށްފައިވާނެ ކަމަށާއި މުލޭ ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ވަންނަން މަސައްކަތް ކުރާ ކަމަށް ސަރުކާރުގެ ބައެއް މިނިސްޓަރުން ވެސް ޝަކުވާ އުފުލާފައިވާ ކަމަށެވެ.