10 Nov 2012, 15:13
މާމިގިލީ އެއާޕޯޓް ލީސް ޕީރިއަޑް 99 އަހަރަށް ގާސިމް އިބްރާހިމްގެ، ވިލާ ޝިޕިން އެންޑް ޓްރޭޑިން އަށް އިތުރުކޮށްދިނީ އެޓާނީ ޖެނެރަލްގެ ލަފަޔެއް އޮވެގެން ނޫންކަމަށް ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު މިއަދު ވިދާޅުވެއްޖެ އެވެ.
މާމިގިލީ އެއާޕޯޓްގެ މައްސަލައިގައި އެޓާނީޖެނެރަލް އާޒިމާ ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ މާމިގިލީ އެއާޕޯޓްގެ މުއްދަތު އިތުރު ކޮށްދިނުމުގެ މައްސަލައިގައި އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު އެ އޮފީހުގެ ލަފައަކަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި އެދުނު ކަމަށެވެ. އަދި އެކަމުގައި އެޓާނީ ޖެނެރަލް އޮފީހުން ސިޓީއެއް މެދުވެރިކޮށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ލަފާދީފައި ވާނީ ޕްލޭނިން ކައުންސިލުން ދީފައި ހުރި ސީއެސްއާރު ޕްރޮޖެކްޓްތައް ރިވިއު ކުރަމުން އަންނާތީ އޭގެ ތެރޭގައި މާމިގިލީ އެއާޕޯޓްގެ ޕްރޮޖެކްޓް ވެސް ހިމެނޭތީ ލީސްޕީރިއަޑް އިތުރުކުރުމުގެ މައްސަލައިގައި ލަފައެއްދެވެން ނެތް ކަމަށް ކަމަށެވެ.
"އެޓާނީ ޖެނެރަލްގެ އޮފީހަށް ފެނުނީ ޕްލޭނިން ކައުންސިލްގެ ދަށުން ދޫކޮށްފައި އޮތް ޕްރޮޖެކްތައް ރިވިއުކުރަމުން އެބައޭދޭ. ތިން ކެޓަގަރީ އަކަށް ބަހާލައިގެން ރިވިއުކުރަމުން ދަނީ. އޭގެ ތެރެއިން ތިން ވަނަ ކެޓަގަރީގައި ހުރި ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި މާމިގިލީ އެއާޕޯޓްގެ މައްސަލަ ހިމެނޭ. އެހެން ހުރި އިރު ވަކިން އެ ޕްރޮޖެކްޓްގެ ކަންތައްތައް ނިންމުމަކީ އޭގެ ސަބަބުން އޭގެ ދަށުގައިވާ އެހެން ޕްރޮޖެކްތަކާ ގުޅުން ހުރި މީހުންގެ އިންސާފު ގެއްލޭނެ ކަމެއް ކަމަށް ފެނުނީ. އެހެންވެ ފަށަން ވެސް ނުވަތަ ނުފަށަން ވެސް ލަފައެއް ނޯންނާނެ ދީފައެއް. އެ ޕްރޮސެސް ދާއިރު އުނދަގޫ ވާހަކަ އޮންނާނީ،" އާޒިމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އެއާޕޯޓްގެ މުއްދަތު އިތުރުކުރުމަށް ކުރި އެގްރިމަންޓްގައި ވެސް އެޓާނީ ޖެނެރަލް އެކަމަށް ލަފައެއް ދެއްވަން އުނދަގޫ ކަމަށް ލަފާދެއްވާފައި ވާތީ އެ ވާހަކަ އެގްރިމަންޓްގައި ވެސް ހިމަނާފައިވާ ކަމަށެވެ. އަދި ޕްލޭނިންއިން ދޫކުރި ސީއެސްއާރު ޕްރޮޖެކްޓްގެ ކެޓަގަރީ އެކެއްގައި ހިމެނެނީ ޓޫރިޒަމް ޕްރޮޖެކްޓްތައް ކަމަށާއި ދެ ވަނަ ކެޓަގަރީގައި ހިމެނެނީ އެގްރިކަލްޗާގެ ޕްރޮޖެކްޓްތައް އަދި ތިން ވަނަ ކެޓަގަރީގައި ބޮޑެތި ޕްރޮޖެކްޓްތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"އޭގެން އެއްވެސް ޕްރޮޖެކްޓެއް ނުފަށާ. ރިވިއު ކުރުމުގެ މަސައްކަތް ދަނީ. އެހެންވީމާ ކިހިނެތްތޯ އެ ޕްރޮޖެކްޓަށް އެކަނި ގޮތެއް ނިންމޭނީ. އެހެންވެ އެގޮތައް ލަފާދޭން ވެސް ޖެހުނީ. އެ ޕްރޮސެސް ނިމުނީމާ އެކަހަލަ ޕްރޮޖެކްޓަކާ ގުޅޭ ކޮންމެ ކަމެއް ކުރެވޭނީ،" އާޒިމާ ވިދާޅުވި އެވެ.
އިގްތިސޯދީ ކޮމެޓީން ގޮތެއް ނިންމެވި ކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުން އާޒިމާ ވިދާޅުވީ އިގްތިސޯދީ ކޮމެޓީ އަކީ ޕްރޮޖެކްޓެއްގެ އުސޫލީ ކަންތައްތައް ކަނޑައަޅާ ބައެއް ކަމަށާއި އެކަންތައްތައް ކަނޑައެޅިއަސް އެ ކަމަކަށް ސަރުކާރަށް ހުއްދަ ދޫކުރެވޭނީ އެކަމަށް ލިބެން ޖެހޭ ގާނޫނީ ލަފާތަކާއި އަދި ކެބިނެޓުން ނިންމަން ޖެހޭ ނިންމުންތައް ވެސް ނިންމިގެން ކަމަށެވެ.
"އެ ކޮމެޓީގެ މެންޑޭޓަކީ އިޖްރާއަތުތައް ކަނޑައެޅުން. އެއީ އެ ޕްރޮޖެކްޓްގައި ވެސް އެ ކޮމެޓީން ކަނޑައަޅާނެ ކަމަކީ." އާޒިމާ ވިދާޅުވި އެވެ.