ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ދާދިފުން ވަކިކުރި މުހަންމަދު ލަތީފަށް މިއަދު ފިނޭންސް މިނިސްޓަރުގެ ނާއިބުކަން ދެއްވައިފި އެވެ.

އެކަން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލު ރިޒާ އާއި ފައިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވެސް ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މުހަންމަދު ލަތީފު ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ފިނޭންސް މިނިސްޓަރުގެ ނައިބުކަން ދެއްވާފައިވާކަން ސަރުކާރުން ސިޓީއަކުން އަންގާފައިވާ ކަމަށެވެ.

"މިއަދު ހެނދުނު އަޅުގަނޑަށް ސިޓީ ލިބުނީ ދެން އަޅުގަނޑު މަގާމް ގަބޫލްކުރަން،" ލަތީފް ވިދާޅުވި އެވެ.

ލަތީފަށް ފިނޭންސް މިނިސްޓަރުގެ ނާއިބުގެ މަގާމް ދީފައިވާ އިރު އޭނާ ކުރިން ހުންނެވި ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމްގަ އެވެ. އަދި އޭނާ އެ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ އަންގާރަދުވަހު އެވެ.

ލަތީފުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް ޓީސީއެލް ބޯޑުގެ ދެ މެންބަރަކު ވެސް ވަނީ އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވައިފަ އެވެ. އަދި ގުޅީފަޅުގެ އިންޑަސްޓްރިއަލް ޒޯންގައި އޭނާ ހުންނެވި ދުވަސްވަރު ހިންގެވި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް ވަނީ އޭސީސީ އަށް ފޮނުވައިފަ އެވެ.

ނަމަވެސް ލަތީފުގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވަ އެވެ.