10 Nov 2012, 13:21
އިންޑިއާގެ ޗެންނާއީގައި ބާއްވާ ކޮމަންވެލްތު ޗެސް ޗެމްޕިއަންސިޕްގައި ވާދަކުރުމަށް ރާއްޖެ އިން ނިންމައިފި އެވެ.
މޯލްޑިވްސް ޗެސް ފެޑަރޭޝަންގެ ރައީސް ނޫހު އަލީ ވިދާޅުވީ، މި މަހުގެ 23 ވަނަ ދުވަހު އިންޑިއާގެ ޗެންނާއީގައި ފަށާ ކޮމަންވެލްތު ޗެސް ޗެމްޕިއަންސިޕްގައި ރާއްޖެ އިން ބައިވެރިވާން ނިންމާފައިވާ އިރު، މުބާރާތުގައި ރާއްޖެ އިން ވާދަކުރަނީ ހަ އުމުރު ފުރައެއްގަ އެވެ. އެގޮތުން އެއުމުރު ފުރާތަކަކީ އަށް އަހަރާއި 10 އަހަރާ ދެމެދުގެ އުމުރު ފުރާއިން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު، 10 އަހަރާއި 12 އަހަރާ ދެމެދުން އަންހެން އަދި ފިރިހެން އެއް ކުއްޖަކު، 12 އަހަރާއި 14 އަހަރާ ދެމެދުން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް، 14 އަހަރާއި 16 އަހަރާ ދެމެދުން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް، 16 އަހަރާއި 18 އަހަރާ ދެމެދުން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް، 18 އަހަރާއި 20 އަހަރާ ދެމެދުން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް އަދި 20 އަހަރުން މަތީގެ ދެ ޖިންސުންވެސް އަންހެނަކާއި ފިރިހެނެއް ކަމަށެވެ.
ނޫހު ވިދާޅުވީ، މުބާރާތުގައި ވާދަކުރުމަށް ކުޅުންތެރިން ހޮވުމަށް ބާއްވާ އެންމެ ފަހުގެ ސިލެކްސަންތައް ކުޅިވަރު އެކުއެނީގައި ކުރިއަށްދާ އިރު، މުބާރާތުގައި ވާދަކުރަމަށް ރާއްޖޭގެ ޓީމްތައް ޗެންނާއީ އަށް ފުރާނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.
މިފަހަރުގެ ކޮމަންވެލްތު ޗެސް ޗެމްޕިއަންސިޕްގައި ރާއްޖޭގެ އިތުރުން 40 ވުރެ ގިނަ ގައުމް ބައިވެރިވެ އެވެ. އެގޮތުން ޗެސްގައި ދުނިޔޭގެ ރަން ވަތައް ހޯދައިފައިވާ ގިނަ ގައުމުތައް ހިމެނެ އެވެ.