10 Nov 2012, 12:50
ސްރީލަންކާގެ އެންމެ ބޮޑު ޖަލުގެ ގައިދީންނާއި ގާޑުންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ބަޑި ޖަހައި 27 މީހަކު ރޭ ފަތިހު މަރުވެއްޖެ އެވެ.
ބީބީސީ އާއި ރޮއިޓާސް ބުނި ގޮތުގައި ވެއްލިކަނޑަ ޖަލުގައި ދެ ފަރާތުން ބަޑީގެ ހަމަލާތައްދީ 27 މީހަކު މަރުވީ، ޖަލުގައި ގައިދީން ގަވާއިދާ ހިލާފަށް ގެންގުޅުނު ސާމާނުތައް ހޯދުމަށް ޕްރިޝަން އޮފިސަރުން ހިންގި އޮޕަރޭޝަނަކަށް އެއްބާރުލުން ދިނުމަށް ފުލުހުންގެ ކޮމާންޑުންގެ ޓީމަކުން ހަރަކާތްތެރިވާން ފެއްޓި ހިސާބުންނެވެ.
ބީބީސީ އިން ބުނީ، ގާޑުން ގައިދީންނާ ދިމާލަށް ބަޑި ޖެހީ އެ މީހުން ފިލަން މަސައްކަތް ކުރުމުން ކަމަށެވެ. ނަމަވެސް ގާޑުން ބުނަނަނީ ފުރަތަމަ ބަޑިޖެހީ ގައިދީން ކަމަށެވެ.
ބީބީސީ އިން ބުނި ގޮތުގައި ހަމަނުޖެހުން ފެށުމާ އެކު ގައިދީންވެގެން ފުލުހުން ވަށާލި ކަމަށާއި އަދި ފުލުހުން ކަރުނަ ގޭސް ޖެހުމުން، ގައިދީން އާމަރީ ކޮންޓްރޯލްކޮށް ހަތިޔާރު ނެގި ކަމަށެވެ. އަދި ޖަލުގެ އޮފިޝަލުން ހޮސްޓޭޖުންގެ ގޮތުގައި ހައްޔަރުކުރި އެވެ.
ގާޑުން ބީބީސީ އަށް ދިން އިންޓަވިއުގައި ބުނީ ފުރަތަމަ ބަޑިޖެހީ ގައިދީން ކަމަށެވެ. އަދި ތިން އޮފިޝަލަކު މަރުވެފައިވާ ކަމަށެވެ.
ހޮސްޕިޓަލް އޮފިޝަލުންނާ ހަވާލާދީ ބީބީސީ އިން ބުނީ، އެ ހާދިސާގައި 43 މީހަކު ޒަހަމުވި ކަމަށެވެ. އެ މީހުންގެ ތެރޭގައި 23 ގައިދީ އަކާއި 13 ޕޮލިސް ކޮމާންޑޯ އަކާއި ހަތަރު ސިފައިން ހިމެނޭ ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން ފަސް މީހަކަށް ދަނީ އިންޓެންސިވް ކެއާގައި ފަރުވާދެމުން ކަމަށެވެ.
ހަތަރުހާސް ފަސް ސަތޭކަ މީހުންގެ ޖަލުގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލްކުރީ ސިފައިން ގޮސްގެންނެވެ.